މިއަދަކީ މި އަހަރުގެ ބަރަކާތްތެރި އަޟްހާ އީދު ދުވަހެވެ. މި އީދުގައި އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން އީދަށް އެހެން ރަށްރަށަށް ގޮސް ރަށްތައް "ފުރާލި" ކަމެވެ.

ސަރުކާރުން އީދާ ގުޅިގެން ހަފްތާއެއްގެ ބަންދު އިއުލާން ކުރުމާއެކު މާލޭގައި އުޅޭ ރައްޔިތުން އަވަސްވެގަތީ ލިބުނު ފުރުސަތުގެ ބޭނުން ކުރާށެވެ. އީދަށް ކޮންމެވެސް ތަނަކަށް ދާށެވެ.

މާލޭގެ ގިނަ ރައްޔިތުންތަކެއް އީދަށް ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް އެކަމުގެ ތަނަވަސްކަން ނެތް މީހުން ހިޔާރުކުރީ ރާއްޖޭގެ އެކި ރަށްތަކަށް ދާށެވެ.

ހާއްސަކޮށް މާލެ ކައިރި ރަށްތަކަށް މި އީދުގައި ގިނަ ބަޔަކު ދިޔަކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މާފުށްޓާއި ދިއްފުށި އަދި ހުރާ ވެފައިވަނީ ގިނަ ބައެއްގެ ހޮވުމަށެވެ.

މާލޭގައި ދަތުރު ފަތުރުގެ ޚިދުމަތް ދޭ ޓްރެވަލް އޭޖެންޓެއްގެ އޮފިޝަލަކު ބުނީ އީދާ ގުޅުވައިގެން މާލެ ކައިރި ރަށްރަށަށް ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ލޯ ސީޒަން ކަމަށްވުމުން ދިވެހިންނަށް ހާއްސަކޮށްގެން ބައެއް ރިސޯޓުތަކުން ވެސް ވަނީ ކުޑަ އަގެއްގައި ހާއްސަ ޕެކޭޖުތަކެއް ނެރެފަ އެވެ.

ކޮންމެއަކަސް އީދު އައިސް ޖެހުނުއިރު މާލެ "ފަޅުވެެ" ކައިރި ރަށްތައް "ފުރާލައިފި" ކަމުގައި ބުނެވިދާނެ އެވެ.