އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ ކަންކަން ހިނގާ ގޮތާ މެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ގައުމަށް ބޮން އަޅަން ފަށާނެ ކަމުގެ ހަރުކަށި އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ފަރަންސޭސިވިލާތުގައި ބާއްވާ ޖީ-7 ސަމިޓުގެ ތެރެއިން، މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ހުކުރު ދުވަހު ސޮއިކުރާ އެއްބަސްވުމަކީ އަދި ފަހުގެ ނިންމުމެއް ނޫން ކަމަށެވެ. "އެމީހުން ރަނގަޅަށް ނޫޅޭނަމަ ނުވަތަ އެއްބަސްވުމުގެ ކަންކަން އަޅުގަނޑު ހިތްހަމަޖެހޭ ގޮތަށް ކުރިއަށް ނުދާނަމަ، އަލުން އެމީހުންނަށް ހަމަލާދީ، ބޮން އަޅަން ފަށާނަން" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ މައްސަލައިގައި މިހާރު އޮތް އެއްބަސްވުމާ މެދު މާލީ ބާޒާރުތަކުން ހިތްހަމަޖެހުން ފާޅުކުރި ނަމަވެސް، އެމެރިކާއިން އީރާނުގައި އެއްވެސް އިންވެސްޓްމަންޓެއް ނުކުރާނެއެވެ.
މި މަޝްރަހު އިތުރަށް ހޫނުވެފައިވަނީ، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން 84 ފަހަރު ހިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އިޒްރެލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވުމާ ގުޅިގެން، އީރާނުން ވަނީ ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށްވެސް ފާޑުވިދާޅުވެފަ އެވެ. ލުބުނާނުގެ މައްސަލައިގައި ނަތަންޔާހޫ މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ހަމައެއާއެކު، އޮމާން ކަނޑުގައި އެމެރިކާއިން ހިންގާ ބްލޮކޭޑް ފަހަނައަޅައި، އީރާނުގެ ތެޔޮ އުފުލާ ތިންވަނަ އުޅަނދު މިހާރު ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ މަޝްރަހާ ގުޅޭގޮތުން އިތުރު ތަފްސީލުތައް މިއަދު ފަހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާނެ ކަމަށެވެ.
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން