ދިވެހި ރައްޔިތަކަށް ވި އިންޑިއާ މީހަކަށް ގޯތި ދެވުނީ "އޮޅިގެން" ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާގެ ނަން ވަނީ ހިމަނާފަ އެވެ. އޭނާއަކީ އިންޑިއާގެ ރައްޔިތަކަށްވިއަސް 2019 ވަނަ އަހަރު އޭނާ ވަނީ ދިވެހި ރައްޔިތަކަށް ބަދަލުވެފަ އެވެ. އަދި މިހާރު އުޅެނީ ދިވެއްސަކާ ކައިވެނި ކޮށްގެންނެވެ.
އެކަމާ ގުޅިގެން އަކްރަމް ވިދާޅުވީ ހަބީބުގެ ނަން ލިސްޓުގައި އޮތް މައްސަަލަ ކޮމެޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭނާގެ ނަން އޮތީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އާންމުކުރި އުސޫލުގައި އޮންނާނެ، އެއްވެސް އިރެއްގައި އެހެން ރަށެއްގައި ރެޖިސްޓަރީވެފައި ނުވާ ފަރާތްތަކަށޭ މާލެއިން ގޯތި ލިބޭނީ، އަޅުގަނޑުމެން ބެލީ ޑީއެންއާރުގެ ސިސްޓަމް، އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހެއް ވީމާ އެކަން ސިސްޓަމުން ޕިކް ނުކޮށް އިނީ، އިސްލާހު ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.
މާލޭ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމައި 19،000 މީހަކު ގޯތި ލިބުމަށް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅައި ފުރަތަމަ މަރުހަލާގައި 10،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެއިން 2،000 އެއްހާ ގޯތި ހުޅުމާލެއިން ދޭއިރު ބާކީހުރި ގޯތި ދިނުމަށް ނިންމާފައި ވަނީ ހިއްކައި ނުނިމޭ ގުޅީފަޅާއި ދާދިފަހުން ހިއްކަން ފެށި ގިރާވަރު ފަޅުންނެވެ.