މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ ހައްޖުވެރިޔާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް އަލީ އެވެ.

އޭނާ ހައްޖަށް ދިޔައީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަސީމް ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިނިސްޓްރީން އަށް ލިބުނީ ރޭ މެންދަމު 2 ޖަހަން އުޅެނިކޮށް ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ނަސީމް ގެއްލިގެން ހޯދަން ފެށީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ހައްޖުވެރިޔާ އެރޭ 11 ޖަހާ އެހާކަންހާއިރު ޓެންޓުން ބޭރަށް ނުކުތްގޮތަށް އޭނާގެ ހަބަރެއް ނުވެ އެވެ. އެހެންކަމުން ރާއްޖޭގެ ހައްޖު މިޝަނުން ދިޔައީ ސައުދީގެކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށް ހައްޖުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.