ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން ހިތައް ތަދުވާވަރުގެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މިއަދު ދެއްވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފު މިފަދަ ޔަގީންކަމެއް ދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންތަކެއް މަޝްވަރާތަކެއް ކުރައްވަމުންދާ ވަގުތެއްގައި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމަށް އެކީގައި މަސައްކަތް ކުރުމަށް ނިންމާފައިވާ ވަގުތެއްގަ އެވެ.
މިމަޝްވަރާތަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މިކަމާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އަމާޒު ވަރަށް ސާފު ކަމަށާއި އެއީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން މިނިވަންކޮށް އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އަދި އިދިކޮޅުގެ ސަޕޯޓަރުންގެ ހިތަށް ތަދުވާވަރު ކަމެއް އެ ޕާޓީން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި އާދަމް ޝަރީފް ވަނީ ސާބިތުކަމާއި އިތުބާރާއެކު ތިއްބެވުމަށް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.
ޕީޕީއެމްއާއި ދަ ޑިމޮކްރެޓްސް އާއިއެކު ކުރެވޭ މަޝްވަރާތަކުގައި ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ސެނެޓު މެމްބަރުންގެ ކަންބޮޑުވުން އޮތްކަމަށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މިމަޝްވަރާތަކަކީ ސީދާ ރައީސް ޔާމީންގެ މަޝްވަރާގެ މަތީން ކުރިއަށް ގެންދާ މަޝްވަރާތަކެއްކަމަށް މަޝްވަރާތަކުގައި ބައިވެރިވާ ބޭފުޅުން ވަނީ ބުނެފަ އެވެ.
ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.
އަދި އެއާއެކު ކްރިމިނަލް ކޯޓުގައި މިވަގުތު ހިނގަމުންދާ ރައީސް ޔާމީންގެ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތްތައް ފުލުފުލުގައި ގެންގޮސް، އިންތިހާބުގެ ކުރިން އެމަނިކުފާނުގެ މައްޗަށް އިތުރު ހުކުމެއް ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.