ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބޭއްވުމަށް އެެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސަށް ލިބޭ 14 ދުވަސް އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު، އެމްޑީޕީން އެދުނު ގޮތަށް ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

އަދި މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލަވާލުމާ ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ހިޔާލު މި ޗުއްޓީތެރޭގައި މަޖިލީހުން ވަނީ ހޯދާފަ އެވެ. އަދި ޕާޓީތަކަށް މިހާރު ހުށައެޅިފައިވާ ހުށައެޅިންތަކަށް އިސްލާޙު ހުށައެޅުމަށްވެސް ވަނީ ފުރުސަތު ދީފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އެކުލަވައިލުމުގެ އިތުރުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރުންވެސް ހިމެނެ އެވެ.