މާލެ ސަރަހައްދުގައި ކުނި ގިނަވަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށް، މާލެ ސިޓީ ކައުންސިލުގެ 11 ކައުންސިލަރަކު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީ ކުނި މެނޭޖުކުރާ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވަމުންދާތީ، އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިހާރު މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި ޕާކުތަކުގައި އުފެދޭ ކުނިތައް އުކާލެވޭނެ ދާއިމީ ނިޒާމެއް ނެތުމުން، ސިޓީ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކައުންސިލަރުން ފާހަގަކުރެ އެވެ.
ކައުންސިލަރުން ވިދާޅުވިގޮތުގައި، ކުނި އަޅާ ސަރަހައްދު މިހާރު ވަނީ ފުރިފަ އެވެ. އަދި ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާތީ، މާލެތެރޭގައި ކުނި ކޮންޓްރޯލް ނުވެ، އާންމު ސިއްހީ ނުރައްކަލަކަށް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ވެމްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެޗްއާރު ޖެނެރަލް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ، ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ކުނި އުކާލުމުގެ ހިދުމަތަށް ބުރޫއަރައި، މަސައްކަތްތައް ލަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާން ވަނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި މެނޭޖުކުރާ ސައިޓު އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ. ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއާ ބައްދަލުކުރުމަށް ކައުންސިލަރުން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!
އެންމެ ދިގު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރު ވަނީ!
ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަންނަން އަންގައިފި
