މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ޖުމްލަ 59 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 33 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވިއިރު، އަތޮޅުތަކުން 20 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަތޮޅުތަކުގެ ކޭސް އިތުރުވީ ގއ. ދެއްވަދުއިން ގިނަ ބަޔަކު ޕޮޒިޓިވްވުމުންނެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި މާލެއިން މިހާ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ނުވެ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 14،218 އަށް އަރާފަ އެވެ. އޭގެތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،402 އެވެ. މި ބަލީގައި މިހާތަނަށް ފަރުވާ ހޯދަމުން ދަނީ 760 މީހުންނެވެ. އޭގެތެރެއިން 760 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 53 މީހަކަށެވެ.

މި ބަލީގައި ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.