ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ވެސް ށ. އަތޮޅު މަރޮއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ދެވަނަ ވަޑައިގެންފައި ވަނީ ށ. އަތޮޅު މަރޮއްޓަށެވެ.

އެރަށުގެ އެމްޑީޕީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ މަރޮށްޓަކީ މީގެ ކުރިން އެކަހެރިކޮށް ބާކީކޮށްފައި އޮތް ރަށެއް ކަމަށެވެ. އަދި ނިމިގެންދާ ދައުރުގައި ވެސް މަރޮށީގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މަރޮށީގައި ފެނާއި ނަރުދަމާ ގާއިމް ކުރަމުން އަންނަ ކަމަށާއި ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ މަރޮއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދުވެފަ އެވެ. އެގޮތުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށް، ރަށުން ބިން ހިއްކާނެ ކަމަށް ވިދާޅުވެފަ އެވެ.

"ގިރާ ސަރަހައްދު ހިމާޔަތްކޮށް، 40 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމެންޓް ޖެހި، ރައްޔިތުންނަށް އެތަނުން ގޯތި ލިބޭނެ ގޮތް ހަދައިދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ އިތުރުން ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން 50 ހައުސިން ޔުނިޓު ވެސް ގާއިމުކުރާނެ ކަމަށެވެ.

މަރޮށްޓަށް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ދެން ހިމެނެނީ ޒަމާނީ ފެންވަރަށް މަގު ހެދުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމުގެ އިތުރުން އޭޓީއެމްގެ ހިދުމަތް ރަށުގައި ގާއިމް ކުރުމެވެ.

ރައީސް ސޯލިހު މަރޮށީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޒުވާނުންނަށް މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅުމަށް ބޮޑުފުޓުބޯޅަ ދަނޑެއް ޓާފު އަޅައި ނިންމައިދޭނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

މި ރަށަކީ ރައީސް ސޯލިހު ކެމްޕެއިނު ދަތުރުފުޅެއްގައި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ދެ ވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫ އަށެވެ. މިއަދު މެންދުރު ފަހު ވަޑައިގަންނަވާނީ ނޫމަރާ އަށެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ އެ އަތޮޅު ފޯކައިދޫންނެވެ.