ފުވައްމުލަކު ގިރާ ސަރަހައްދުގެ ތޮށިލާން މަސައްކަތް ކުރާ ސަރަހައްދަށް އެތަނުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އައި ބާރެޖެއް ފަރަށް އެރި މައްސަލަ ބަލަމުން ދަނިކޮށް އެ ބާޖު ފުރައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ފަރަށް އަރާފައިވަނީ ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ހިފައިގެން ދިޔަ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖެކެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ބާޖު ފުރައިގެން ގޮސްފައިވާ ކަމަށެވެ. ބާޖު ފަރަށް ނާރާ ކަމަށް ބުނެ ހޯގާޑު ކުންފުނިން ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް އީޕީއޭއިން ބުނެ އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑު ކުންފުންޏަށެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަރްކުރުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރުން ފެށިގެން އަނބުލު ފަންނާ ހަމަޔަށް ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

މިދިޔަ ޑިސެމްބަރު މަހު ފެށި އެ މަޝްރޫއަށް ޖުމުލަ 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެ އެވެ. އަދި އެ މަސައްކަތް 606 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.