އެކްސިޑެންޓުވުމަކީ ކުށެއް ނޫންކަމަށް ބެލުމަކީ ގާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެކަމުގައި ލިބޭ ގެއްލުށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮލްގައި ލިޔެފައިވާ ލިޔުމެއްގައި އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ އެކްސިޑެންޓުގެ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް، އެއީ ކުށް ހީއެއް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މިހާރުގެ ސިޔާސަތަކީ އެ ފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން މިހާރުވެސް އެފަދަ ހަތަރު މައްސަލައެއް ކޯޓުގައި ހިނގަމުންދާކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ އެއް އަސާސަކީ މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުންކަން ޝަމީމްގެ ލިޔުމުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމުގައި ދެވަނަ އަސާސަކީ މީހެއްގެ އަމަލެއްގެ ސަބަބުން އަނެކާއަށް ހާނިއްކައެއްވާ ހާލަތުގައި، އެކަމަކީ ގާނޫނުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އެކަމުގެ ގާނޫނީ ޒިންމާ އުފުލަންޖެހުންކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.
ޝަމީމް ލިޔުއްވި ގޮތުގައި އެކްސިޑެންޓްވާ މީހާގެ އަތުގައި ލައިސަންސް ނެތް ނަމަ، އެއީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދަ ފަރުވާ ކުޑަ އަމަލެއްގެ ދަރަޖައިން ދައުވާ ކުރެވޭނެ ކަމެކެވެ. އަދި ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި ހުރި ނަމަ، ގަސްދުގެ ދަރަޖައަށް މަތިކޮށް، އަދަބު ބޮޑު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމްގެ ލިޔުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ގާނޫނުލްއުގޫބާތުގައި، މީހަކު ކުރި އަމަލެއްގެ ސަބަބުން، އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ކުށުގެ އަމަލެކެވެ. އެ އަމަލުގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، ގާނޫނުލްއުގޫބާތުގެ 110 ވަނަ ބާބު (މެރުމުގެ ކުށް)ގެ ދަށުން ކުށްވެރިވާނެ އެވެ. ފުރާނަ ނުގެއްލޭވަރުގެ ޢަމަލެއްނަމަ، 120 ވަނަ ބާބު (ޖެހުމާއި، ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ.
މީހަކު ކުޅަ ޢަމަލެއްގެ ސަބަބުން އަނެކާގެ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، އެއީ ގާނޫނުލްއުގޫބާތުގެ 220 ވަނަ ބާބު (މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެ އަމަލެއްކަން ވެސް ޝަމީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެހެންކަމުން އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ ޤާނޫނީ ހަމައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައި އޮތް ކަމެއްކަމަށް ޕީޖީ ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެކްސިޑެންޓްވުމުގެ 1083 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.