ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ރިސޯޓްތަކުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރު ނެގި 3،318 ސާމްޕަލުން ޖުމްލަ 59 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރެއިން 33 މީހަކު ޕޮޒިޓިވްވީ ރިސޯޓްތަކުންނެވެ. އޭގެތެރެއިން 27 މީހުންނަކީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ މުވައްޒަފުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ ނުވަ މީހެކެވެ. އަތޮޅު ތެރެއިން ވެސް ޕޮޒިޓިވްވެފައިވަނީ ނުވަ މީހުންނެވެ.

އޮބްލޫ ރިސޯޓުން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިމަހުގެ ތިން ވަނަ ދުވަހު އެ ރިސޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްޓަކައި ހެދި ކޮވިޑް ޓެސްޓުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ކޭސްއާ ގުޅިގެން އޭނާއާ ކޮންޓެކްޓްވި އަށް މީހުން ކަރަންޓިން ކުރިއެވެ.

އެޗްޕީއޭ އިން ބުނީ މިމަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމަތްތައް ހުރެގެން އެ ރިސޯޓުން ޓެސްޓު ކުރި ހަތަރު މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިއްޔެ އެ ރިސޯޓުން ރެންޑަމް ސާމްޕަލް ނަގަން ވަނީ ފަށާފަ އެވެ. މިއަދު ނަތީޖާ ލިބުނު 98 ސާމްޕަލްގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މީގެއިތުރުން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓް ކުރެވުނު އަށް މުވައްޒަފުން ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،277 އަށް އަރާފައެވެ. އޭގެ ތެރެއިން 13،365 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 783 އެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މި ބަލީގައި މިހާތަނަށް 49 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.