ދިވެހި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު އައްބާސް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 69 އަހަރުގައި އާމިނަތު އައްބާސް އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އާމިނަތު އައްބާސް ވަނީ ދިވެހި އަދަބިއްޔާތަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.

ޅެންހެއްދެވުމުގެ އިތުރަށް ޅެންވެރިކަން ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތައް ކުރެއްވި އެވެ. ދިވެހިބަހާއި ތާރީހަށް ހިދްމަތްކުރާ ގައުމީ މަރުކަޒުން ހިންގަވަމުން ގެންދަވާ ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ފަސް ކޯހަކާއި، ދިވެހި ނާދީއާއި، ދިވެހި ނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އެތައް ކޯހެއް ވިލަރެސްކުރައްވައި މައުލޫމާތު ދެއްވައިފައިވެ އެވެ. އަދި ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންޞާފު ކޮށްދެއްވުމުގެ މަސައްކަތް ވެސް ކޮށްދެއްވައިފައިވެ އެވެ.

އާމިނަތު އައްބާސް ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ކުޑަކުދީންގެ ޅެންފޮތް، ޔޫސުފް މުހައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް ހިމެނެ އެވެ.

އާމިނަތު އައްބާސްއަށް ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ތެރޭގައި ދިވެހިބަހާއި ތާރީހަށް ހިދްމަތްކުރާ ގައުމީ މަރްކަޒުން ނުވަ ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއް ވަނަ ހިމެނެ އެވެ.