ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދު ބޭއްވަން ނިންމާފައިވާ އަޑު އެހުން ކެންސަލްކުރީ ދައުލަތުގެ ފަރާތުން ހާޒިރު ކުރަންޖެހޭ ހެކިން ހާޒިރު ނުކުރެވޭތީ އެވެ.

ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަޑުއެހުން ބޭއްވީ، މި މައްސަލާގައި ދެން ދައުވާކުރާ އަހުމަދު ކްރިކް ރިޒާގެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔުމުންނެވެ.

މީގެ ކުރިން ކްރިކް ރިޒާ ބަލިވެގެން ފަސް ދުވަހަކަށް ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ގޮސްފައިވެ އެވެ. އޭގެ ފަހުން ދައުލަތުން އެދިގެން ރިޒާގެ ބައި ވަނީ ވަގުތީ ގޮތުން އަނބުރާ ގެނެސްފަ އެވެ. އެއީ ރިޒާ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި އޭނާއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ ވާހަކަ ހިމެނޭ ކަމަށް ބުނާ އޯޑިއޯއެއް ފުލުހުން ތަހުލީލުކޮށް ނިމެންދެނެވެ.

މިހާރު މި މައްސަލަ ކުރިއަށް ގެންދަނީ ކްރިކްގެ ދައުވާ ނުހިމަނައި ޔާމީނާއި ދެން ދައުވާ ލިބޭ ސަންގެ ދެ ކުންފުނި ހާޒިރުކޮށްގެންނެވެ.

އެންމެފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ އެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.