މިއަހަރަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ކަނޑައަޅާފައިވާ ބަޖެޓުގެ 78 އިންސައްތަ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ފެށިގެން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެންސްޕާއިން ވަނީ 1502 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއަހަރަށް އެންސްޕާއަށް ކަނޑައަޅާފައިވަނީ 1920.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަހަރަށް އެންސްޕާގެ ހަރަދަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވާ ކައިވެފައިވާއިރު މިއަހަރަށް އާސަންދަށް ކަނޑައަޅާފައިވާ ބަޖެޓް ވަނީ ހުސްވެފަ އެވެ.

މިދިޔަ އަހަރު އާސަންދަ އާއި އެންސްޕާއަށް ކަނޑައެޅި ބަޖެޓު ހުސްވެގެން ސަޕްލިމަންޓްރީ ބަޖެޓެއްވެސް ފާސްކުރި އެވެ. އެހެންނަމަވެސް ސަޕްލިމަންޓްރީ ބަޖެޓެއްވެސް ވަނީ ހުސްވެ އިތުރަށް ހަރުދުކޮށްފަ އެވެ.

އެންސްޕާއިން އާންމުގޮތެއްގައި ހަރަދު ކުރަނީ އާސަންދައިން ކަވަރު ނުކުރާ ކަންކަމަށެވެ. މިގޮތުން ރާއްޖެއިން ބޭރަށް ބޭހަށް ފުރާ ފަރާތްތަކަށް ޓިކެޓާއި ފައިސާ ދިނުމާއި ރާއްޖޭގައި ވެސް ހާލު ބޮޑު ފަރާތްތަކަށް އާސަންދައިގެ ބޭރުން ކުރަންޖެހޭ ހަރަދުތައް އެންސްޕާއިން ކުރެ އެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިވުމަށްވެސް އެންސްޕާގެ ބަޖެޓު ބޭނުން ކުރެ އެވެ.

އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން އެންސްޕާ މެދުވެރިކޮށް ގަވާއިދާއި ހިލާފަށް ހަރަދުކުރާ ކަމަގެ ތުހުމަތު މީގެ ކުރިން ތަކުރާރުކޮށް ފެންމަތިވެފައިވެ އެވެ.