ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ.އަތޮޅުގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅުގެ ކެޔޮދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ކުޑަ އަތޮޅެއް ނަމަވެސް، އިގްތިސާދީ ބޮޑެތި ހަރަކާތްތައް މި އަތޮޅުގައި ހިންގަން ރާވާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ.އަތޮޅުގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިމަޝްރޫއާ ބެހޭ ތަފުސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކެމްޕޭނަށް ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

"އޭގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވި ދެން އަޅުގަނޑުމެން މާދަމާ މާލެ ގޮސް އިކޮނޮމިކް ކައުންސިލްގައި ދެން އޮންނާނީ އޭގެ ދެން ހުރި ކަންކަން ނިންމުން. އެއަށް ފަހު އޮންނާނީ އަމަލީ މަސައްކަތް ފެށުން. ކުރެހުންތައް ނިންމުން. އެ މަޝްރޫއާ އެކު ތިބޭފުޅުން އެދޭ ގޮތަށް ވައިގެ މަގުން މި އަތޮޅު ވެސް ގުޅިގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކެމްޕޭނަށް ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވ.ކެޔޮދޫގައި ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ފައްޓަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު މިހާރު ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާވަމުންދާ އަތޮޅެވެ.

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ކެޔޮދުއަށް ގިނަ ވައުދުތަކެއް މީގެ ކުރިން ވެވަޑައިގެންނެވިކަމަށެވެ. އެއީ ރަށުގައި މީގެ ކުރިން މަސައްކަތެއް މި ރަށުގައި ކުރެވިފައި ނެތުމުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން 2018ވަނަ އަހަރު ގިނަ ރަށްތަކަކުން ގިނަ ކަންތައްތަކެއް ކޮށްދޭން އެދުނު ނަމަވެސް މިއަދު އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ރަށްރަށުން އެދެނީ މަދު ކަމެއް ބޭނުންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއޮތީ ބަނދަރު ހަދާ ނިމިފައި، ރައްޔިތުން ބޭނުންވި ކަމެއް، މަލްޓިޕާޕޯސް ހޯލް މިއަދު ހުޅުވަނީ، ސުކޫލަށް އިތުރުކުރާ ހަތަރު ކްލާސްރޫމް ދެ ބުރި އިމާރާތް އެ ކުރިއަށް ދަނީ، އޭގެ އިތުރަށް މި ރަށު ސުކޫލަށް ހަތަރު ބުރީގެ އިމާރާތެއް އެޅުމުގެ އެބައޮތް ޕްލޭން ކުރެވިފައި، އިރާދަކުރެއްވިއްޔާ އެ ސުކޫލަށް އެވެސް އިތުރު ކުރެވި ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.