މި ދައުރު ނިމުމުގެ ކުރިން އިތުރު ފަސް ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުގައި މިއަދު އެއަތޮޅު ހޯރަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތަރު އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިދައުރުގައި އަދި އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެ ފަސް އެއާޕޯޓުގެ މަސައްކަތް ނިމުމުން ދެން ރާއްޖޭގައި އިތުރަށް އަޅާ އެއާޕޯޓު މަދުވާނެކަމަށްވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"މިރަށުގައި އެއާޕޯޓް ތަރައްގީ ކުރެވިއްޖެ. އަޅުގަނޑުމެން މި ދައުރުގައި އަޅަންފެށި އަދި ހުޅުވި ފުރަތަަމަ އެއާޕޯޓް. މިހާރު ހަތަރު އެއާޕޯޓް ގެ މަސައްކަތް ރައްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ކުރިއަށްދޭ. މި ދައުރު ނިމުމުގެ ކުރިން އިރާދަކުރެއްވިޔާ އޭގެ އިތުރު ފަސް އެއާޕޯޓް ގެ މަސައްކަތް ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހޯރަފުށީގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ ގެނައުން ކަމަށެވެ. އަދި ރާއްޖެއަށް ތަރައްގީ ގެނެވޭނީ ދަތުރުފަތުރުން ރާއްޖެ ގުޅުވާލެވިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވިސްނުންތެރިކަމާއެކީގައި ބޮޑު ޕްލޭނެއް ނެތި ތަރައްގީގެ މަޝްރުއުތައް ނުހިންގާ ކަމަށްވަންޏާ އެބަޔަކު ދާނީ ބާކީވެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އާބާދީއަށް ބަލައިގެން ތަރައްގީ ގެންނަނަމަ ކުދި އާބާދީތަކަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީ ގެނައުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާ ކަމުގެ އިހުސާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ހޯރަފުށި ރައްޔިތަކާ ސަލާމްކުރައްވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

މި ސަރުކާރުން އަޅަން ފަށާފައިވާ، އަދި ނިންމާފައިވާ އެއާޕޯޓްތަކުގެ ތެރޭގައި އަލިފުށީގައި އަޅާ އެއާޕޯޓާއި، ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައި އަޅާ އެއާޕޯޓް ހިމެނެ އެވެ. މި އަހަރު ނިމުމުގެ ކުރިން މ. މުލި އެއާޕޯޓް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީގެ ކުރިން ބުނެފައިވެ އެވެ.