ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށާއި ގައުމަށް ތަރައްގީއެއް ވެސް ނުގެނެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.

މިހާރު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތަރައްގީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި މާދަމާ އެކަނި ފެންނަ މީހަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.

ކޮވިޑް 19ގެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކުގެ ހަނދާން އާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ ސަރުކާރަށް އެތައް އުނދަގޫތަކަކާއި ދަތިތަކަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއް ކަމަށެވެ. އަދި އެދުވަސްކޮޅަކީ އުއްމީދެއް ނެތް ކަމަށް ދެކިގެން މީހުން މާޔޫސްކޮށް ސަރުކާރަށް ނަފުރަތު އެފެއްދުމުގެ ގޮތުން ސިޔާސީ ލީޑަރުންތަކެއް ދޮގު ވާހަކަތަކެއް ފެތުރިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އުއްމީދެއް ނެތް ކަމަށް ދެކި, އަޅުގަނޑުމެން ނެތިދަނީ ކަމަށް ދެކި ވާހަކަތައް ދައްކަމުން ދިޔައީ. ބައެއް ސިޔާސީ ލީޑަރުން ނިކުމެވަޑައިގެން ވިދާޅުވީ ރިސޯޓުތަކުގައި ދޭންވީ މަސް ކައްކަންށޭ. ރިސޯޓުތަކުގައި ވީ ދަނޑުވެރިކަމޭ ކުރަން. މި ރާއްޖޭގެ ޓޫރިޒަމެއް ހަލާކުވެ ދިޔައިއްޔޭ. ދެނެއް މި ރާއްޖެއަށް އަންނާނެ ޓޫރިސްޓަކު ނުވާނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހޯރަފުށީގައި

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެވޭނީ މިއަދާއި، އިއްޔެއަށް ވެސް ވިސްނައިގެން ކަމަށެވެ. އަދި ހަމައެކަނި ތިމާގެ އަމިއްލަ މަސްލަހަތަށް ބަލައި މާދަމައަށް އެކަނި ވިސްނާ މީހަކަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ. އެދުވަހު ރިސޯޓުތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ހެދިނަމަ ދެން ކިހިނެތްތޯ ވާނީ. މިއީ ފިތުނަ އާއި ފަސާދައާއި ދެކޮޅުވެރިކަން ދައްކަންވެގެން އައި ވާހަކަތައް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން

ރައީސް ވިދާޅުވީ އޭރު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އެތައް ގުނައެއް ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 1 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު، އަމާޒަކީ ރާއްޖެއަށް މިއަހަރު ނިމިގެންދާއިރު 1.9 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ.