މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ކައިވެނި ޕާޓީއަށްފަހު އުފެދުނު ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީގެ ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލަސްޓަ އައިމިނަތު އަރޫޝާ ވިދާޅުވީ 24 ޑިސެންބަރުން ފެށިގެން 14 ޖެނުއަރީއާ ހަމައަށް އެ ކްލަސްޓާ އިން 100 ކޭސް ރިޕޯޓު ކުރެވިފައިވާއިރު، އޭގެ ތެރެއިން 68 މީހުންނަކީ ޝީބިލްޑިންގައި ބޭއްވި އެ ކައިވެނި ޕާޓީއަށް ދިޔަ މީހުން ކަމަށެވެ.

އަރޫޝާ ވިދާޅުވިގޮތުގައި އޭގެ ތެރެއިން 30 މީހުންނަކީ ޕާޓީއަށް ދިޔަ މީހުންގެ ގެތަކުގައި ތިބި ޕޮޒިޓިވްވެފައިވާ ކޮންޓެކްޓުން ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުން ވެސް ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ޖުމްލަ 300 ކޮންޓެކްޓުން މިހާތަނަށް ހޯދައި ކަރަންޓީން ކުރެވިފައިވޭ،" އަރޫޝާ ވިދާޅުވި އެވެ.

އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު މީހުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.

ކައިވެނި ޕާޓީ ތަކާއި އެކި އެކި ހަފްލާތައް ބާއްވާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް ޑރ. ނަޒްލާ ރަފީގު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.