އަންނަ ސެޕްޓެންބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ފޯމް ފުރުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން މިހާރު ކުރިޔަށްދާ ކަމަށެވެ. އިލެކްޝަނަށް ފޯމް ހުށަހަޅާ ދުވަސް މީޑިއާތަކަށް އަންގާނެ ކަމަށެވެ.

"ފޯމް ވައްދާ ދުވަސް މީޑިއާތަކަށް އަންގާނަން،" ހީނާ ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

ޕީޕީއެމް އިން އެންމެ ފަހުން ބުނެފައި ވަނީ ހައިކޯޓުން ގޮތެއް ނުނިންމި ނަމަވެސް ޔާމީން އިންތިހާބަށް ކުރިތިލުމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

އީސީން އެ ކެންޑިޑެސީ ބަލައިނުގެންފި ނަމަ، ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު ލިބިގެންވެ އެވެ. އެހެންވެ، އެހާލަތަށް ގޮސްފި ނަމަ، ބެލެވޭ ގޮތުގައި އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ ރައީސް ޔާމީންގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ގާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާ ފަރާތްތަކުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެކަމަށް އެ ޕާޓީ އިން ޕްރައިމަރީ ބާއްވަން ނިންމާ އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.