ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޔާމީންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން އެމަނިކުފާނުގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މިރޭ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.
ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.
ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.
ޕީޕީއެމް އިން އެންމެ ފަހުން ބުނެފައި ވަނީ ހައިކޯޓުން ގޮތެއް ނުނިންމި ނަމަވެސް ޔާމީން އިންތިހާބަށް ކުރިތިލުމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
އީސީން އެ ކެންޑިޑެސީ ބަލައިނުގެންފި ނަމަ، ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު ލިބިގެންވެ އެވެ. އެހެންވެ، އެހާލަތަށް ގޮސްފި ނަމަ، ބެލެވޭ ގޮތުގައި އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.