ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާހިދު ހަލީމް ނިޔާވެއްޖެ އެވެ.

އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ މަޝްހޫރުވެގެން ދިޔަ ޝޯ "ބަހަބަރު"އިން މަގުބޫލުކަން ހޯދި ޝާހިދު ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޝާހިދު ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ދިވެހިންގެ ތެރޭގައި ޝާހިދު އެންމެ ފުރަތަމަ މަޝްހޫރުވީ ކުޅަދާނަ މުމައްސިލެއްގެ ގޮތުގަ އެވެ. އެގޮތުން ރާއްޖޭގެ ސްޓޭޖް ތަމްސީލުގެ ރަން ދުވަސްވަރު ކަމަށްވާ 1970ގެ ތެރޭގައި އޭނާ ވަނީ އެތައް ތަމްސީލެއް ކުޅުއްވައިފަ އެވެ. އެންމެ ފާހަގަކުރެވެނީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ސްޓޭޖް ހަދައިގެން ކޮޕީ މުހައްމަދު ރަޝީދާއި، ޗިޅިޔާ މޫސާމަނިކުއާ އެކު ކުޅުއްވި "ތިން އުނދަގޫ" ތަމްސީލެވެ. މީގެ އިތުރުން "ކުއްލި ދިއްލުމެއްގައި ސާހިބުގެ ބުމަރު" މިއީ ވެސް ފާހަގަކުރެވޭ ތަމްސީލެކެވެ.

ސަރުކާރުން ވަނީ ޝާހިދަށް ތަމްސީލުކުޅުމުގެ ރޮނގުން 1986 ވަނަ އަހަރު އާއްމުހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދީފަ އެވެ.

މިއަދުގެ ޖީލަށް ޝާހިދު އެނގެނީ ޓީވީ މޯލްޑިވްސް އިން 1980ގެ ފަހުކޮޅު އުފެއްދި "ބަހަބަރު" ޝޯ ގައި ކުޅުއްވި ހެއްވާ މަޖާ ރޯލުންނެވެ.

ޝާހިދު ވަނީ ދިވެހި އަދަބިއްޔާތަށް ވެސް ވަރަށް ގިނަ ހިދުމަތްތައް ކޮށްދީފަ އެވެ. އޭނާގެ ޅެންތައް ރާއްޖޭގެ އެކި ނޫސްތަކުގައި ކުރިން ޝާއިއުކުރި އެވެ.

ބައްޕަ މޫސާ ހަލީމް ހިންގެވި މަދަރުސަތުލް އަހްރާރުގައި މުދައްރިސްކަން ކުރެއްވި ޝާހިދު ގިނަ ދުވަހު ވަޒީފާ އަދާކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ. އެންމެ ފަހުން މަސައްކަތްކުރެއްވީ މާފަންނު އަވަށު އޮފީހުގަ އެވެ.

ޝާހިދުގެ އަށް ކުދިން ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރޭގައި ޓީވީ މޯލްޑިވްސްގެ ކުޅަދާނަ ހުށަހެޅުންތެރިޔާ މޫސާ ރިލްވާން ހިމެނެ އެވެ.