ސެޕްޓެންބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފި އެވެ.
އެމްޑީޕީއިން ބުނީ ނާޝިޒު ރައީސް ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހާއި ނާޝިޒުގެ ކުށުގެ ރިކޯޑް ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަންނަ ކަމަށް އެޕާޓީން ބުނެ އެވެ.
މިފަހަރުގެ އިންތިހަބީ އެޖެންޓުގެ ގޮތުގައި ނާޝިޒް ހަމަޖެއްސިއިރު, މިދިޔަ ޖެނުއަރީ ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ނާޝިޒް ވަނީ ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރުކަން ކުރައްވާފަ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެ އެވެ.
ރައީސްގެ ކެމްޕޭނު ދަތުރުތައް ފަށާފައިވާއިރު އަދި މިހާތަނަށް ރައީސް ސޯލިހުގެ ރަނިންމޭޓަކީ ކޮން ބޭފުޅަކު ހާމައެއް ނުކުރައްވަ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަނިންމޭޓު ހޮވުމަކީ އެމަނިކުފާނަށް މިވަގުތަށް އުނަދަގޫ ނިންމުމެކެވެ. މިހާތަނަށް އައިއިރު އެމަނިކުފާނުގެ ރަނިންމޭޓު ކަމަށް ފާޅުގައި ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ, މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ.