ޖަމާލުއްދީން ސްކޫލުން ދަރިވަރެއް އަދި ޣާޒީ ސްކޫލުން ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވީ ޖަމާލުއްދީންގެ ގްރޭޑް 9 ގެ ދަރިވަރަކު ކޮވިޑަށް ޓެސްޓްކުރިއިރު، މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް އެ ދަރިވަރާ ކޮންޓެކްޓްވި ހަތަރު ދަރިވަރަކު ދެނެގަނެވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށް ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ޣާޒީ ސްކޫލުން ޕޮޒިޓިވްވެފައި ވަނީ ގްރޭޑް 1 ގެ ޓީޗަރެއް ކަމަށާއި ސްކޫލް މުވައްޒަފުންގެ ތެރެއިން ކޮންޓެކްޓްވި 12 މީހަކު މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކޮންޓެކްޓްވި ހުރިހާ ޓީޗަރުން މިހާރު ވަނީ ދެނެގަނެވިފައި. އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.

މީގެކުރިން ވަނީ އިންޑިއާ އިން ރާއްޖެ އައި އަމީނިއްޔާ ސްކޫލްގެ ގްރޭޑް 3 ގެ ބިދޭސީ ޓީޗަރަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ޓީޗަރާ ކޮންޓެކްޓްވި ހުރިހާ ޓީޗަރުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރު ސްކޫލަށް ގޮސްފައިނުވާ ކަމަށާއި ކޮންޓެކްޓް ވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށެވެ.

"ސްކޫލް މާހައުލުން ކޮވިޑް ޖެހުމުގެ ފުރުސަތެއް ނޯންނާނެ. ރާއްޖެއިން ބޭރުން އަންނަ ޓީޗަރުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން ނޫނީ ސްކޫލަށް ނުވަދެވޭނެ. އަދި ސްކޫލް ތެރޭގައި ވެސް ވަނީ ގައިދުރުކަމާއެކު އުޅުމުގެ އިންތިޒާމްތައް ހަމަޖެއްސިފައި. ހަމައެހެންމެ ސްކޫލަށް ވަންނައިރު ހުން ވެސް ބަލާނެ،" އޮފިޝަލް ވިދާޅުވި އެވެ.