މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ކޮންސެޓެއް އެމެރިކާގެ ސީޓަލްގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދަށް ކުޑަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ މޫސުމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޓޭލާގެ ލަވަތަކާ އެއްވަރަށް ޝޯ ބަލަން ތިބި ބެލުންތެރިންގެ މެދުގައި ފޯރި އިތުރުވެ ފުއްމާ ހެދުމުން 2.3 މެގްނިޓިއުޑްގެ ލޮޅުމެއް އެ ސަރަހައްދަށް އިހުސާސް ކުރެވިފައިވާ ކަމަށެވެ.

މި ބިންހެލުމަކީ 2011 ވަނަ އަހަރު އެމެރިކާގައި ބޭއްވި ފުޓްބޯޅަ މެޗަކުން "ދަ ބީސްޓް" މޮޅުވުމުން އެ ޓީމަށް ސަޕޯޓުކުރާ ފަރާތްތަކުން ގެނުވި ބިންހެލުމަށް ވުރެ ވެސް ބާރުގަދަ ބިންހެލުމެއް ކަމަށް ރެކޯޑުތައް ދައްކަ އެވެ.

މާހިރުން ބުނާ ގޮތުން ޓޭލާގެ ކޮންސެޓްގައި އައި ބިންހެލުން 2011 ވަނަ އަހަރުގެ "ބީސްޓް ކުއޭކް"އަށްވުރެ ވަރުގަދަ ވެފައި ގިނަ ވަގުތަށް ދެމިގެން ދިޔަ އެވެ.

ޚުދު ޓޭލާ ވެސް ވަނީ މިކަމާ ބެހޭ ގޮތުން ޓްވިޓާގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ސީޓަލްގެ ކޮންސެޓަކީ އޭނާގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ކޮންސެޓެއް ކަމަށާއި އެ ކޮންސެޓުން ލިބުނު ލޯބި ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.