އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނީޓް އިމްތިހާނާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކާ ގުޅުވައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފި އެވެ. ރާހުލް ވިދާޅުވި ގޮތުގައި މޯދީއަކީ އިންޑިއާގެ މާޒީ އެވެ. އަދި މުޒާހަރާކުރާ ދަރިވަރުންނަކީ ގައުމުގެ "މުސްތަގުބަލު" ކަމަށާއި، ބޮޑުވަޒީރަށް އެ ދަރިވަރުން ބަލިނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާހުލް ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުގެ މުޅި މެޝިނަރީ ބޭނުންކުރަމުންދަނީ މުޒާހަރާކުރާ ދަރިވަރުންނާ ދެކޮޅަށެވެ. ނަމަވެސް، އެ ކުދިންގެ ހަރަކާތްތަކުގައި ސާބިތުކަމާއެކު ދެމިތިބުމަށް އޭނާ ބާރުއެޅުއްވި އެވެ.
ފަހަތަކަށް ނުޖެހޭނަން: ރާހުލް ގާންދީ
"މިއީ އެކުދިންނަށް ހަމަލާދެމުންދާ ނިޒާމެއް. އަޅުގަނޑު އެކުދިން ގާތު ބުނިން ކަންބޮޑުނުވުމަށް. އިންޑިއާ ސަރުކާރުގެ އެއްވެސް ބާރަކަށް، ސަރުކާރުގެ އެއްވެސް މީހަކަށް ތިޔަ ކުދިން ތިބި ތަނުން ގުޑުވައެއް ނުލެވޭނެ. އެމީހުން ބޭނުން ކަމެއް ކުރަން ދޫކޮށްލާ. ހުއްޓުވަން ނުވަތަ ބިރުދައްކަން އުޅުނަސް އެކަމެއް ނުވާނެ. އަހަރެމެން ފަހަތަކަށް ނުޖެހޭނަން،" ރާހުލް ވިދާޅުވި އެވެ.
"އެކުދިންނަކީ އިންޑިއާގެ މުސްތަގުބަލު، އެކުދިންނާ ހަނގުރާމަކޮށް ކާމިޔާބެއް ނުހޯދޭނެ. ނަރެންދުރަ މޯދީއަކީ އިންޑިއާގެ މާޒީ؛ މާޒީއަށް ދުވަހަކުވެސް މުސްތަގުބަލާ ހަނގުރާމައެއް ނުކުރެވޭނެ." ރާހުލް އިތުރަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ބޮޑުވަޒީރު މޯދީ ދަރިވަރުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލައްވައި، ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން ވަގުތުން މަގާމުން ވަކިކުރުމަށް ރާހުލް ތަކުރާރުކޮށް ގޮވާލެއްވި އެވެ.
ރާހުލް އިތުރަށް ވިދާޅުވި ގޮތުގައި، އިސްކޮށް ހުންނެވި ބޭފުޅާ (ބޮޑުވަޒީރު) ދަރިވަރުންގެ ކިބައިން މައާފަށް އެދެންޖެހެއެވެ. ސަބަބަކީ އެ ދަރިވަރުންނަށް އަނިޔާކޮށް، ހަމަލާދީ، އިހުމާލުވެފައިވާތީ އެވެ.
ސީޖޭޕީ މުޒާހަރާ ކުރިއަށް
ނޫސްވެރިންނާ ވާހަކަދައްކަވަމުން ސީޖޭޕީގެ ލީޑަރު އަބީޖީތު ދިޕްކޭ ވަނީ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް 26 ދުވަހަށްފަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިމުމަކަށް ގެނައުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް، ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވި ކަމަށް ބުނާ މައްސަލާގައި ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވަންދެން ޕާޓީގެ މުޒާހަރާތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވަންދެން އަޅުގަނޑުމެންގެ އިހުތިޖާޖު ކުރިއަށްދާނެ. ސޯނަމް ސާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމުން އަޅުގަނޑުމެން ވަރަށް އުފާވެ، ހިތްހަމަޖެހުން ލިބިއްޖެ. އެއީ 26 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާތީ. އޭނާގެ ފުރާނައަކީ މި ގައުމަށް ނުހަނު އަގުހުރި އެއްޗެއް،" ދިޕްކޭ ވިދާޅުވި އެވެ.
މަރުކަޒީ ސަރުކާރާއެކު މަޝްވަރާ ކުރުމާ ގުޅޭގޮތުން ޕާޓީގެ ވިސްނުން ތަކުރާރުކުރައްވަމުން ދިޕްކޭ ވިދާޅުވީ، އެއްވެސް މަޝްވަރާއެއް ކުރަންޖެހޭނީ ވަކިފަރާތަކަށް ނުޖެހޭ ތަނެއްގައި ކަމަށާއި، ވަޒީރުގެ އިސްތިއުފާއަށް ކުރާ ޑިމާންޑަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ، ނީޓް ކަރުދާސް ލީކުވި މައްސަލާގައި ދަރިވަރުންނަށް ތާއީދުކޮށް ސޯނަމް ވަންގްޗުކް ކުރަމުންދިޔަ ހަޅުތާލު ހުއްޓާލުމުން އެކަމަށް ފާޑުކީ މީހުންނަށް އޭނާ ރައްދު ދެއްވާފައިވަނިކޮށެވެ.
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ