ކުރީގެ ރައީސް އަބްދުﷲ ޔާމީން މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިފައިނުވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ތަޢުޒިޔާ ދެންނެވުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ހައްގު ނޫން ހުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށެވެ.

"ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި މިކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ލޮބުވެތި އާއިލާއަށް، މިކޯލިޝަންގެ ލީޑާޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ. އަދި މާތްﷲ އެމަރްހޫމާގެ އާއިލާއަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ." ޕީޕީއެމް/ޕީއެންސީ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝާޒް ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީއަތުގެ މަރުޙަލާތައް އަވަހަށް ނިމި، ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއް ވުން ކަމަށެވެ.

"އެހެންނަމަވެސް، ޝަރުއީ ނިޒާމުގައި ހުރި ލަސްކަމުގެ ސަބަބުން މަންމާފުޅު އަވަހާރަ ވީއިރުވެސް އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވިއެވެ،" އޭނާ ވިދާޅުވި އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް ސަރުކާރުގެ ނުފޫޒުން މައްސަލަ ލަސްކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.