ޕްލާސްޓިކް ފުޅީގައި ހުންނަ ސުޕާރީ ރާއްޖޭގައި އެތެރެކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައި ވާތީ އެބާވަތްތައް ވެސް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވިއްކުން މަނާކުރުމަށް ނިންމައިފި އެވެ.

މިކަން މިގޮތަށް ނިންމަވާ "އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެތެރެކޮށް ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައިވާ އުސޫލު"ވެސް ވަނީ މުރަޖާއާ ކުރައްވާފަ އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަަރު މަހު އެވެ.

އެގަރާރުން ކަނޑައަޅަފައިވާ 13 ބާވަތުގެ ތެރެއިން ދެ ބާވަތެއްގެ ޕްލާސްޓިކަށް މިއަދު ވަނީ އިސްލާހު ގެނެސްފަ އެވެ. އެއީ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައިވާ ސުޕާރީ އާއި 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނެފައި ވަނީ އެތަކެތި ރާއްޖެ އެތެރެކުރުމާއި އުފެއްދުން އަދި ބޭނުންކުރުން މަނާ ވާނީ އަންނަ އަހަރުގެ ޖެނުއަރީ 1 ން ފެށިގެން ކަމަށެވެ. 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު އެތެރެކުރުން އެތާރީހަށް ފަސްކުރީ، ރާއްޖެއަށް ކޮތަޅު އެތެރެކުރާ މީހުންނަށް އެކަންކަމަށް ތައްޔާރުވާން އިތުރު ވަގުތު ދީ، ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތްތަކުގައި ނުވަތަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވެސް ސްޕާރީ ވިއްކަމުންދާކަން ފާހަގަ ކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުން ކަނޑައެޅޭ ބާވަތްތަކެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން މަނާކޮށް އެކަމުގެ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ނެރުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން 13 ބާވަތެއް ހިމެނޭ ހެން ލިސްޓް ނެރުއްވިއިރު، އޭގެތެރެއިން ފުރަތަމަ މަރުހަލާގައި 8 ބާވަތެއް އުފެއްދުމާއި ވިއްކުން މަނާކުރި އެވެ.