ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ހަތް ފަނޑިޔާރުންގެ އިއްތިފާގުން. ފަނޑިޔާރު ސުއޫދު ހުކުމް އިއްވުމާއެކު ވަކި ވަކިން ހުރިހާ ފަނޑިޔާރުން ވިދާޅުވީ "ފަނޑިޔާރު ހުސްނު ސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަން" މިހެން. ފަނޑިޔާރުން އެހެން ވިދާޅުވުމާއެކު ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ގަޒިއްޔާ މިހާ ހިސާބުން ނިންމާލީ ކަމަށް. އަދި އެ ހިސާބުން ޝަރީއަތުގެ މަޖިލިސް ދޫކުރައްވައި އެ ބޭފުޅުން ވަޑައިގެންނެވި.

ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އިއްވީ ފަނޑިޔާރު ހުސްނުއް ސޫއުދެވެ. އަދި އޭނާގެ ރައުޔަށް އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނޭހެން ހަތް ފަނޑިޔާރުން ވެސް ތާއީދުކުރެއްވި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޔާސީ ކެންޑިޑޭޓެއް ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު ސޫއުދު ވިދާޅުވީ ރައީސް ޔާމީންގެ ކުށުގެ ރެކޯޑު ފޯމުތަކަށް ބެލުމުން އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ހުކުމެއް އިއްވާފައިވުމުން އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ނިންމޭނީ ނިހާއީ ހުކުމެއް އޮތް ނަމަ ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް ހަމީދު އާއި ފުލުހުންގެ ވަޒީފާއިން ވަކިކުރި އަބްދުﷲ ޖާމިއުގެ ގަޒިއްޔާ އާއި ޔާމީންގެ މި ހާލަތު އަޅައެއް ނުކިޔޭނެ ކަމަށެވެ. އަދި އެ މައްސަލާގައި އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

https://www.youtube.com/watch?v=Rb1Pto7YSuE

ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހުރިހާ ހެކިތައް ނަފީކުރަމުން ސުއޫދު ވިދާޅުވީ އެ ދެ މައްސަލައަކީ އެ ފަރާތްތަކުގެ ވަޒީފާއާ ގުޅޭ މައްސަލައެއް ކަމަށާއި އެއީ މުސްތަގުބަލުގައި ލިބިދާނެ މަގާމަކާ ގުޅޭ ހާލަތެއް ނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން ޖޫރިމަނާއާ ގުޅޭ ގޮތުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ސާބިތު ދަރަންޏެއް އޮތް ކަމަށް ސާފުކޮށް އެނގެން އޮތުމުން ޝަރުތު ފުރިހަމަ ނުވާ ކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި އަދި ހައި ކޯޓުން އެ މައްސަލާގައި ގޮތެއް ނުނިންމާ އޮތުމަކީ އެ ފައިސާ ނުދައްކަންވީ ސަބަބެއް ނޫން ކަމަށެވެ.

ސުއޫދު ވިދާޅުވީ ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ދީފައިވާ ހަ މަސްދުވަސް ހަމަވުމުން މީރާއިން ޔާމީނަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި، އެ ނޯޓިސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ހަވާލުކޮށްދިނުމަށް އެދި ޔާމީން އިނގިލީގެ ނިޝާން ޖައްސަވައި ސޮއިކުރައްވާފައިވާ ކަމަށް ކަރެކްޝަންސްގެ ރެކޯޑުތަކުން ދައްކާ ކަމަށް އެ އިދާރާ އިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ސުއޫދު މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން ވަނީ ކޯޓުގައި އެ ލިޔުން ހަވާލުނުކުރާ ކަމަށް ބުނެފަ އެވެ.