އައްޑޫގެ އެކި ހިސާބުތަކުން ކޮވިޑް-19 ޓެސްޓުތައް ހެދުމަށް ރެންޑަމް ސާމްޕަލްތަކެއް މާދަމާ ނެގުމަށް ހަަޖެހިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން (އެޗްއީއޯސީ) ބުނެފި އެވެ.

އެޗްއޯއީސީ އިން ބުނީ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި އެ ސާމްޕަލް ނަގާއިރު އިސްކަން ދޭނީ ފެރީ އޮޕަރޭޓު ކުރާ މީހުންނާއި، ފިހާރަތަކުގެ ކޭޝިއަރުން ފަދަ އާންމުންކޮށް އެހެން މީހުންނާއި ގިނަ އަދަދަކަށް ބައްދަލުވާ މީހުން ކަމަށް ވެސް އެޗްއީއޯސީން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އައްޑޫން ކޮންމެ ވެސް ވަރަކަށް ކޮވިޑް-19 ކޭސްތައް ފެނިފައިވެ އެވެ. ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ. އެ އަތޮޅުން މުޅިން ވެސް ޕޮޒިޓިވް ވެފައި ވަނީ ބޭރުން ގޮސް ކަރަންޓީން ފުރިހަމަކުރަމުން ދިޔަ ފަރާތްތަކެވެ. މިގޮތުން އިންޑިއާއިން ދިޔަ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް-19ގެ ކޭސްތައް މުޅި ރާއްޖޭގައި ވެސް މިދުވަސްކޮޅު އަންނަނީ އިތުރުވަމުންނެވެ. މިއަހަރު ފެށުނު ފަހުން ކޮންމެ ދުވަހަކު ވެސް 20 އާއި 40 އާއި ދެމެދުގެ އަދަދަކަށް ކޭސްތައް އަންނަނީ ފެންނަމުންނެވެ.