ނިމިގެންމިދާ ފަސް އަހަރުގެ ތެރޭގައި އެއްވެސް ކޯޓެއްގެ ފުރާޅަކުން ޓިނު ނަގާފައިނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް ގއ. އާއި ގދ. އަށް ކުރައްވާ ދަތުރުފުޅު ތެރެއިން ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިވެރިކަމުގެ ފަސް އަހަރު ނިމިގެން މިދަނީ އެއްވެސް ކޯޓެއްގެ ފުރާޅުން ޓިނު ނުނަގާ ކަމަށެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، ޖަލަށް ލާފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި މަޖިލީހުގެ 12 މެމްބަރަކާއި އުއްތަމަ ފަނޑިޔާރާއި ޕްރޮސެކިއުޓާ ޖެނެރަލުން ތިއްބެވީ ޖަލުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނެއް ނުނަގަން، އެންމެ ކޯޓެއްގެ ވެސް. ވެރިކަން ކުރެވިއްޖެ. ތިޔަބޭފުޅުން 9 ސެޕްޓެމްބަރުގައި ނުކުމެ ވޯޓުލައްވާއިރު ވިސްނަވަންވީ މި ކަންތައްތަކަށް" އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި މި ސަރުކާރާއި ހުރި ތަފާތުތަކުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ 19 ވަނަ ރައްޔިތުން މަޖިލީހަށް 321 ފަހަރު ވަޒީރުން ހާޒިރުކޮށްފައިވާ ކަމަށެވެ. ލިޔެފައި ފޮނުވާ ސުވާލުގެ އިތުރުން ކޮންމެ ސުވާލެއް ކުރިޔަސް، ޖަވާބު ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ޔާމީން ސަރުކާރުގައި މަޖިލީހަށް އެމަނިކުފާނުގެ ވަޒީރުން ހާޒިރު ކުރެވިފައި ވަނީ އެންމެ 58 ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދެ ސަރުކާރުގެ ހުރި ކުޑަ ތަފާތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ސުޕްރީމް ކޯޓުން ޓިނު ނެގިކަމަށް ބުނަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެކޯޓުން ނެރުނު އަމުރަކާއި ގުޅިގެން އޭރު ޖަލުގައި ތިބި ސިޔާސީ ބައެއް ވެރިން ދޫކޮށްލަށް އަމުރުކުރުމާ ގުޅިގެން ސަރުކާރުން ކުއްލި ހާލަތު އިއުލާނު ކުރުމުންނެވެ.