ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް މިއަދު ހެނދުނު ފުރައިވަޑައިގެންފި އެވެ.

ޑރ. މުއިއްޒު އަރިހުގައި އޭނާގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް މިދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވަ އެވެ.

ޑރ. މުއިއްޒު ފުރަތަމަ ވަޑައިގެންނެވީ ހަނިމާދު އަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕީޕީއެމް އިން ބުނީ މާދަމާ މަކުނުދޫ، ހޯރަފުށި އަދި އިހަވަންދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. ހޯމަ ދުވަހު އުތީމު، ވަށަފަރު، ކެލާ، ބާރަށް އަދި ދިއްދުއަށް ޑރ. މުއިއްޒު ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވެފައި ވަނީ ކެމްޕޭން ދަތުރުގައި މިއަދު ހދ. އަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކަށް މުއިއްޒުގެ ސަރުކާރެއްގައި ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކޮށްދެއްވައި، ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.

"މިއަދު ވަޑައިގަންނަވާނީ އެ އަތޮޅުގެ ތިން ރަށަކަށް. ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލު ހޯއްދަވައި، އެ ރަށަށަށް ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރައްވާނެ،" ތޮލާލު ވިދާޅުވި އެވެ.