މިސަރުކާރުން ސިޔާސީ ބޭނުމަށް އެކި ކުންފުނިތަކުން ވަޒީފާ ދީފައި ތިބި މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އެމީހުންނަށް އެއްވެސް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ބޭނުން ނޫން ވަރަށް ގިނަ ވަޒީފާ އުފައްދާ އެކި މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެންނަށް ވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ އޮނިގަނޑަށް ނުވަތަ ހިންގުމަށް އަންނަ ބަދަލަކާއި ގުޅިގެން އެ ކުންފުންޏަކުން މީހެއްގެ ވަޒީފާ ގެއްލުނު ނަމަވެސް އެހެން ކުންފުންޏަކުން އެމީހަކަށް ވަޒީފާ ދޭނެ ކަމަށެވެ.

އެހެންވެ އޭނާ އެދިވަޑައިގަތީ ސިޔާސީ ނުފޫޒާއި ވަޒީފާގައި ބިރުވެރިކަމުގައި އެއްވެސް މުވައްޒަފަކު ނުހުރުމަށެވެ.

"މި ރަށުގެ ރައްޔިތުންނަށް އަދި ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ދޭ ޔަގީންކަމަކީ. ރައްޔިތުން ޝައްކު ނުކުރައްވާށޭ، ރައްޔިތުން ޔަގީން ކުރައްވާށޭ. އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަމުގެ ހައްގު ތި ހުރިހާ ބޭފުޅުންނަށް ހޯދައިދިނުންކަން،" ޑރ. ވިދާޅުވި އެވެ.

ހއ.ދިއްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: ޕީޕީއެމް

މާލޭގެ މޭޔަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ބައެއް ހާލަތްތަކުގައި ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އެހެންކަމުން އަންނަ އިންތިހާބު މާގިނަ ބުރުތަކަށް ބާއްވަން ނުޖެހޭ ގޮތަށް ވޯޓު ދިނުމަށް ޑރ. މުއިއްޒު އިލްތިމާސްކުރެއްވި އެވެ.

މިޖަލްސާގައި އިތުރަށް ޑރ. މުއިއްޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުވައްސަސާއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރައިގެން އުޅޭ މަންޒަރު ފެނިގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ދެ މުވައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ދެންނެވި ދެ މުވައްސަސާގެ ފަހުރުވެރިކަަން އަނބުރާ އިޔާދަކޮށްދޭނެ ވާހަކަ. އެ ދެ މުވައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އެ ދެ މުވައްސަސާއަށް އަރުވަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިޖަލްސާގައި މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ދިއްދޫއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެފަ އެވެ. އެގޮތުން ދިއްދޫގައި ބިން ހިއްކައި އެއާޕޯޓް އެޅުމަށާއި، އިންޓަނޭޝަނަލް މެޗުތައް ކުޅޭ ފެންވަރުގެ ޒަމާނީ ދަނޑެއް ހެޅުމަށާއި، އެ ރަށު މަގުތައް ހެދުމާއި، ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުތައް ނިންމުމުގެ އިތުރުން އެ ރަށުގެ ހޮސްޕިޓަލުގެ ފެންވަރު ރަގަޅު ކުރުން ހިމެނެ އެވެ.