މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ މައްޗަށް އުފުލައިފައިވާ ވެރިކަމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވިކަމުގެ ދައުވާ އެގައުމުގެ ހައިކޯޓުން ބޭރު ކޮށްލައިފި އެވެ.

އެ ކޯޓުން މައްސަލަ ބޭރުކުރީ ސާބިތު ކުރެވޭވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.

2020 އާ 2021 ގައި 17 މަސް ވަންދެން ގައުމުގައި ވެރިކަން ކުރެއްވި މުހުޔިއްދީނުގެ މައްޗަށް ވަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައި ހަތަރު ދައުވާއެއް ކޮށްފަ އެވެ. އެ ކޯޓުން ނިންމީ ދައުވާތަކުގައި އެކަށޭނަ ހެކި ހުށަހަޅާފައި ނެތުމާއި މައްސަލަ ރަނގަޅަށް ސާފުވާން ނެތް ކަމަށެވެ.

މުހުޔިއްދީން 76، ގެ މައްޗަށް ކުރި ދައުވާގައި މަނީ ލޯންޑަރިންއާއި ރިޝަވަތުގެ ގޮތުގައި 50.2 މިލިއަން ޑޮލަރުގެ ބޭނުން ކުރެއްވިކަމުގެ ތުހުމަތު ވެސް ހިމެނެ އެވެ.

ކޯޓުގެ ބޭރުގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުހުޔިއްދީން ވިދާޅުވީ ފަނޑިޔާރު މުހަންމަދު ޖަމީލު ހުސެއިންގެ ނިންމެވުމުން ސާބިތު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ދޮގުދައުވާތަކެއް ކަމަށާއި އޭނާ އެއްވެސް ކަމެއް ގޯސްކޮށް ނުކުރައްވާ ކަން ކަމަށެވެ.

މުހުޔިއްދީންގެ ވަކީލް ވިދާޅުވީ އެ ނިންމުމާއެކު ކޯޓުގައި އުފުލާފައިވާ އެހެން ދައުވާތަކުގެ ބާރެއް ނުހުންނާނެ ކަމަށް އޭނާ ޔަގީންކުރާ ކަމަށެވެ.

ފާއިތުވެދިޔަ އިންތިޚާބުން ބަލިވުމާއެކު މުހުޔިއްދީނާއި އޭނާގެ ޕާޓީގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ރިޝާވަތާއި ނުފޫޒުގެ ބޭނުންކުރިކަމުގެ މައްޗަށް ތަހުގީގު ހިންގައި، ބޭންކް އެކައުންޓުތައް ފްރީޒްކޮށްފަ އެވެ.

މުހުޔިއްދީން ވިދާޅުވިގޮތުގައި އޭނާގެ މައްޗަށްކުރާ ދައުވާތަކަކީ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ނުފޫޒާއެކު ސިޔާސީގޮތުން ބާރު ކަނޑުވާލުމަށް ކުރާ ދައުވާތަކެކެވެ. އަދި މުހުޔިއްދީން ލީޑުކުރާ ގައުމުގެ އިދިކޮޅު ޕާޓީއިން އަންނަނީ އިލެކްޝަންތަކުގައި ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ގޮންޖެހުންތައް ކުރިމަތި ކުރަމުންނެވެ.