ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އުސްމާނު އަބްދުﷲ އަވަހާރަވެއްޖެ އެވެ.
ޝެއިހް އުސްމާން އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެވެ.
ޝެއިޚް އުސްމާނު 80، އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ އިލްމު ފަތުރުއްވާ އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ދީނީ އިލްމުވެރިއެކެވެ. އަދި ގިނަ ގިނައިން ޓީވީ އާއި ރޭޑިއޯގެ ޕްރޮގްރާމްތަކަށް އަރުއްވައި ދީނީ ގޮތުން މީހުން ހޭލުންތެރި ކުރައްވަން މަސައްކަތް ކުރެއްވި އެވެ.
ށ. މަރޮށިއަށް އުފަން އުސްމާން އަކީ ޒަކާތާބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގައި ގިނަ މަސައްކަތްތަކެއް ވެސް ކުރެއްވި އެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަ އާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދްމަތް ވަނީ ކުރައްވާފަ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެމްއެޗްއޭގެ އެއް ހިއްސާދާރުގެ ހިދުމަތް އެންމެ ފަހުން ދައުލަތަށް ލިބުނީ، ޒަކާތާ ގުޅޭ ގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން އުފެއްދި ޒަކާތު ކޮމެޓީއަށް ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ޝެއިޚް އުސްމާން ވަނީ ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.