ބ. އަތޮޅު ބަޔޮސްފިއާ ރިޒާވާއި އެގޮތަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ހިމާޔަތްކުރާ ތަންތަނުން ލިބޭ އާމްދަނީ އެ ސަރަހައްދެއްގެ ރަށްރަށަށް ލިބޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިހާރު ބ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާޅޮހުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކޮށް އެއިން ލިބޭ އާމްދަނީ ކައުންސިލުތަކަށް ލިބޭނެ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި ބަޔޮސްފިޔާ ރިޒާވް ހިމަޔާކޮށްފައި އޮންނަތާ 10 އަހަރު ވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިތުރު 10 އަހަރަށް އެތަން ހިމާޔަތް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 33 ސަރަހައްދެއް ހިމާޔަތް ކޮށްފައިވާކަން ވެސް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަމާޒަކީ އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ ރަށު ކައުންސިލުތަކަށާއި ރަށްރަށަށް ލިބޭނެ ގޮތަށް ހަދާނެ ކަމަށެވެ.
"ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ހިމާޔަތްކުރެވޭ ތަންނުން ފައިދާ ލިބޭ ނިޒާމަކަށް ބަދަލުކޮށް، މި ފައިދާ އެ އަތޮޅަކަށާއި މުޅި ރާއްޖެއަށް އެންމެ ރަނގަޅު ފައިދާ ލިބޭނެހެން މެނޭޖްމެންޓެއްގެ ދަށަށް ބަދަލުކޮށް އޭގެ ފައިދާ މުޅި ރާއްޖެއަށް ލިބޭ ގޮތަށް ހަދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިޖަލްސާގައި ރައީސް ވަނީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ މާޅޮހަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެފަ އެވެ. އެގޮތުން އެރަށުގައި ސިޓީ ހޮޓަލަކާއި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އާ ސިއްހީ މަރުކަޒެއް ހަދައި ހިދުމަތްތަކާއި ވަސީލަތްތައް އިތުރުކުރުމާއި އާ މިސްކިތެއް އެޅުމާއި ޒުވާނުންނަށް ފުޓްސަލް އަދި ފުޓްބޯޅަ ދަނޑެއް އެޅުމާއި، ޒަމާނީ ފެންވަރަށް އެރަށުގެ ބޮޑެތި މަގުތައް ހެދުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.