ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބުގައި ތިން ވަނަ ވެސް ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު މި އިންތިހާބުގެ ނަތީޖާގެ މިސްރާބު އޮތްގޮތް ވަރަށް ސާފްކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"1،2،3 މިހިސާބަށް ވެސް އަޅުގަނޑުމެން އަދި ކިޔާނެ ކަމެއް ނެތް، މިއިން ހިސާބަކަށް އަޅުގަނޑުގެ ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނެއް/ދަ ޑިމޮކްރެޓެސް/އެއް މިފަހަރަކު އާދެވޭނެ ކަމަކަށް. ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށް ވަންޏާ. ހަގީގަތުގައި މި އުޅެނީ އޭ ޑިވިޝަންގެ މެޗެއް، ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ، ފުލް ޓިމް ކުޅެން އަރުވަންވާނީ. އަޅުގަނޑުމެން މި ތިބީ ފުލް ޓީމާ އެކުގައި،" ރައީސް ވިދާޅުވި އެވެ.
ތަފާތު ބޮޑު ނަތީޖާއަކުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއުޅެނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން ކަމަށާއި މިއީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫން ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ބޭނުންވެފައި އޮތް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލުން، މިއީ އެތެރޭގެ އިންތިހާބެއް ނޫން، މީގެން ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ ކޮންމެ ވޯޓެއްގެ އަސަރު މިއަށް އެބަ ކުރޭ." ރައީސް ވިދާޅުވި އެވެ.