ޖީ 7 އާ ވާދަކުރުރެވޭ ފަދަ ވިޔަފާރި ބްލޮކެއް ކަމަށްވާ ބްރިކްސް އިން ސައިޒު ބޮޑުކޮށް ސައޫދީ އާއި އީރާން ހިމެނޭހެން އިތުރު ހަ ގައުމަކަށް އެގްރޫޕާ ގުޅުމަށް ދައުވަތު ދީފި އެވެ.
މިހާތަނަށް ބްރެޒީލާއި ރަޝިއާ އާއި އިންޑިއާ އާއި ޗައިނާ އާއި ސައުތު އެފްރިކާ ގެ މައްޗަށް އެކުލެވިފައި އޮތް ބްރިކްސް އިން އިތުރު ގައުމުތައް އެ ޖަމާއަތުގައި ބައިވެރިކުރުމަށް ނިންމީ ޖޮހަނަސްބާގްގައި ބޭއްވި އެ ޖަމާއަތުގެ މެންބަރުންގެ 3 ދުވަހުގެ ސަމިޓުގަ އެވެ.
އެ ޖަމާއަތުގައި ބައިވެރި ކުރުމަށް އިތުރަށް ދައުވަތު ދިން ގައުމުތަކަކީ ސައޫދީ އަރަބިޔާ އާއި އީރާނާއި އިތިއޮޕިއާ އާއި މިސްރާއި އާޖެންޓީނާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އެވެ. މި ގައުމުތައް އެޖަމާއަތާ ރަސްމީކޮށް ގުޅޭނީ އަންނަ ޖެނުއަރީ މަހު ފުރަތަމަ ދުވަހު އެވެ.
ބްރިކްސްގެ ނަމުގައި 2009 ވަނަ އަހަރު އުފެދު ޖަމާއަތުގެ މަގުސަދަކީ ދުނިޔޭގެ ދެކުނު ބިތުގެ ވިޔަފާރި ކޮންޓްރޯލްކުރުމެވެ. މި ޖަމާއަތް ބެލެވެނީ ސިޔާސީ ގޮތުން ޖީ 7 ގެ ގައުމުތަކަށް އޮތް ގޮންޖެހުމަކަށެވެ. ޖީ 7 ގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސި ވިލާތާއި އެމެރިކާއާއި ކެނެޑާ އާއި ޖަރުމަނާއި ފަރަންސޭސި ވިލާތާއި ޖަޕާނެވެ.
ބްރިކްސްގެ ތެރޭގައި ހުޅަނގާ ދެކޮޅު ޖަމާއަތެއްގެ ގޮތުގައި ސިފަކުރާ ސިފަކުރުންތަކަށް އެޖަމާއަތުގެ ސަމިޓުގައި ވަނީ ރައްދުދީފަ އެވެ. އެ ޖަމާއަތުގެ ފަސް ފައުންޑަ މެންބަރު ގައުމަކީ ދުނިޔޭގެ އާބާދީގެ 40 ޕަސެންޓެވެ. އަދި އެޖަމާއަތުން ދުނިޔޭގެ 30 ޕަސެންޓު ވިޔަފާރި ކޮންޓްރޯލް ކުރެ އެވެ.
ބްރިކްސް ސަމިޓުގައި ވާހަކަ ދައްކަވަމުން ސައުތު އެފްރިކާގެ ރައީސް ސީރިލް ރަމަފޯސަލް ވިދާޅުވީ އެ ޖަމާއަތުން ބިނާ ކުރަނީ މެންބަރުންގެ މެދުގައި ހަމަހަމަ އިންސާފުވެރި އެންމެން ބައިވެރިވާ ދުނިޔެއެކެވެ. ގްރޫޕް އިތުރަށް ފުޅާ ކުރުމުގެ މުހިންމު ކަމާ މެދު ޗައިނާގެ ލީޑަރު ޝީޖިން ޕިން ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ބްރިކްސް އުފެދުނު ފަހުން އެ ޖަމާއަތަށް މެންބަރުން އިތުރުކުރާ މިއީ ފުރަތަމަ ފަހަރެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތްތަނުގައި އެޖަމާއަތް އިތުރަށް ފުޅާވެގެން ދާނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ވެސް އެޖަމާއަތުގެ މެންބަރުންނަށް ވާން 16 ގައުމަކުން ވަނީ އެދިފަ އެވެ.