ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޑރ. މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގެ ތަފްސީލުތައް ހާމަކުރައްވާނީ ފަހުން ކަމަށެވެ.

ޝަހީމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި ބޭފުޅާއެވެ. އޭނާއަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އެންމެ ފުޅާކޮށް ހިންގެވި ވަޒީރެވެ. އަދި ފަހުން އިސްލާމިކް ޔުނިވާސިޓީ ޒަމާނީ ޔުނިވާސިޓީއެއްގެ ގޮތުގައި ބިނާކުރެއްވުމުގައި ވެސް މުހިއްމު ދައުރެއް ޑރ. ޝަހީމު އަދާކުރެއްވި އެވެ.

ޝަހީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަނާރާގެ ވެސް ވަނީ ކުރިއަށް އޮތް އިންތިހާބުގައި މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކޮށްފަ އެވެ. އަނާރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތް ކުރައްވާނެ ކަމުގެ ޔަގީން ކަމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ކަމަށެވެ.

މީގެ ކުރިން މަޖިލީހުގައި އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަނާރާ އެ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއަށްފަހު އެހެން ޕާޓީއަކާ މިހާތަނަށް އޭނާ ގުޅިވަޑައިގެންފައެއް ނުވެ އެވެ.