ލ. އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ޚިދުމަތް ފަށައި އެ އަތޮޅުގެ ޓޫރިޒަމް އިތުރަށް ފުޅާކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ލ. އަތޮޅަށް މިހާރު ކުރައްވަމުންގެންދާ ދަތުރުފުޅުގައި ލ. މާބައިދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ވިޔަފާރި ފަށާއި ފުޅާކުރުމަށް އެންމެ ބޭނުން ވަނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ. އެގޮތުން އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން އެ އަތޮޅުގައި ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ގިނަ ވައުދުތަކެއް އެރަށަށް ވެވަޑައިގެންފަ އެވެ. އެގޮތުން މާބައިދޫގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެރަށު ސިއްހީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި ލ. އަތޮޅުގައި އެބަހުރި ވަރަށް ރީތި ގުދުރަތީ މަންޒިލްތައް. އެތަންތަނުގެ ބޭނުން އަދި އެއްވެސް ގޮތަކަށް ނުކުރެވިފައި އޮތް ރީތި އަތޮޅެއް މިއީ. ޓޫރިޒަމަށް އިންވެސްޓްކޮށް މިސަަރަހައްދު ތަރައްގީކުރާނީ އާރުޓީއެލްގެ ޚިދުމަތާއެކު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ޕްލޭންކޮށް ކޮންސެޕްޓް ހަދާފައިވާ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ތަަރައްގީކުރުމާއި ޒުވާނުންނަށް ޚާއްސަކޮށް ޖިމަކާއި، ޔޫތް ސެންޓަރެއް އެރަށުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުގައި ސަރުކާރުން ގާއިމްކޮށްދެއްވާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ވަނީ ފާހަގަކޮށްފަ އެވެ.