ދެ އަހަރު ދުވަހުގެ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އިސްލާމީ ބޭންކިންގެ ޚިދުމަތް މިމަހު ރަސްމީކޮށް ފަށާ ގޮތަށް ރަޝިޔާ ސަރުކާރުން ހަމަޖައްސައިފި އެވެ.
ގާތްގަނޑަކަށް 25 މިލިއަން މުސްލިމުން ދިރިއުޅޭ ރަޝިއަން ފެޑެރޭޝަންގައި މިހާރު ވެސް އިސްލާމިކް ބޭންކިންގެ ޚިދުމަތް ހިނގަމުން ދިޔަކަމުގައި ވިއަސް ސަރުކާރުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރަސްމީކޮށް މިކަން ފެށޭ މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ އޮގަސްޓު މަހު 4 ގައި ރައީސް ވްލަޑިމީރް ޕޫޓިން ވަނީ އިސްލާމީ ބޭންކިންގް ހިންގުމަށް ބޭނުންވާ ގާނޫނު ތަސްދީގު ކުރައްވައިފަ އެވެ.
ސަރުކާރުން އަލަށް ފަށާ ދެއަހަރު ދުވަހުގެ ޕައިލެޓް ޕްރޮގްރާމަކީ އިސްލާމީ ބޭންކިންގެ ފައިދާ އާއި އެކަށޭނަކަން ދެނެގަނެ އެއީ ކުރަން ފައިދާ ހުރި ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ހިންގޭ ޕްރޮގްރާމެކެވެ.
ދެ އަހަރު ދުވަހުގެ ޕައިލެޓް ޕްރޮގްރާމް ހިންގާ ގޮތަށް ހަމަ ޖެހިފައި ވަނީ ރަޝިޔަން ފެޑެރޭޝަންގެ މުސްލިމް މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގަ އެވެ.
ރަޝިއާގެ ބޭންކްތަކުގެ އިސް ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނާގޮތުގައި އެގައުމުގައި އިސްލާމީ ބޭންކިން ސެކްޓަރުގެ ގްރޯތް ރޭޓް އަހަރަކު 40 ޕަސެންޓަށް އަރަ އެވެ. 2025 ވަނަ އަހަރާ ހަމައަށް އިސްލާމިކް ބޭންކިންގް 7.7 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމުގައި ބެލެވެ އެވެ.
ކުރިއަރަމުން އަންނަ އިސްލާމިކް ބޭންކިންގެ ދާއިރާ ހިމާޔަތްކޮށް އިތުރަށް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ގާނޫނުތަކާއި ގަވައިދުތައް ހެދުމުގެ ސަބަބުން އެ ދާއިރާގެ ވިޔަފާރިއަށް ޔަގީންކަމާއި ހިމާޔަތްތެރިކަން ލިބި، އިތުރަށް ފުޅާވުމުގެ މަގުފަހިވާނެ ކަމަށް ރަޝިޔާގެ އޮފިޝަލުން ދެކެ އެވެ.
ދެ އަހަރު ދުވަހުގެ ޕައިލެޓް ޕްރޮގްރާމް ކާމިޔާބު ވެއްޖެ ނަމަ އެ ގައުމުގެ ހުރިހާ ހިސާބަކަށް ވެސް އިސްލާމީ ބޭންކިންގެ ޚިދުމަތް ތައާރަފް ކުރެވޭނެ އެވެ.