މާލޭ ކައިރީގައި އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫގައި ހުރި ބޮޑެތި ތެޔޮ ޓޭންކްތައް އެ ރަށުން ނަގައި އެ ތަނުގައި ދުނިޔޭގެ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި މާލޭގެ ޕްލޭން ހާމަކުރުމަށް ކާނިވާ ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ބިޔަ ޖަލްސާގައި ރައީސް ވިދާޅުވީ ފުނަދޫގައި ބިޒިނަސް ސެންޓަރަކާ އެކު މަތީ ފެންވަރުގެ ހޮޓަލެއް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި މާލެ އާއި ފުނަދޫ އަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ފައިސާ ރަހުމަތްތެރި ގައުމަކުން ހަމަޖައްސާފައިވާ ކަމަށެވެ.
އެމްޑީޕީގެ ފެނިފެސްޓޯގައި ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރަކަށް ޚާއްސަ ވަކި ރަށެއް ކަނޑައެޅުމަށް ހިމަނައިފަ އެވެ.
އެމްޑީޕީގެ މާލޭގެ ތަސައްވަރުގައި ވަނީ މިހާރު ބޭނުންކުރާ ސިނަމާލެ ބްރިޖުގެ ތޮއްޖެހުން ހައްލު ކުރުމަށް އެ ބްރިޖަށް ދެ ލޭން އިތުރު ކުރުމަށް ނިންމައިފަ އެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ބްރިޖުގައި ރޭލުގެ ޚިދުމަތް ފަށާނެ ކަމަށް ވެސް ހިމަނައިފަ އެވެ. މި ޚިދުމަތް މިހާރު ހަދަމުންދާ ތިލަމާލެ ބްރިޖުގައި ވެސް ދޭނެ ކަމަށް ބުނެފައިވެ އެވެ.