ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ޓީވީގެ ހެނދުނުގެ ޝޯ "ފަށާއިރު" ޕްރޮގްރާމަށް އިއްޔެ އަރުއްވާ އެމަނިކުފާން އާއްމުކޮށް ނުދައްކަވާ ޒާތުގެ ވާހަކަތަކެއް ދައްކަވައިފި އެވެ. މިއީ ފަހަރެއްގައި ކުރިން މީހުންނަށް އެހާ ބޮޑަށް އެނގިފައި ނުވާ ކަންކަން ކަމަށް ވެސް ވެދާނެ އެވެ. އަދި ޚުދު ރައީސް ސޯލިހު ވެސް ވިދާޅުވީ ރަނގަޅުވާނީ މި ކަހަލަ އަމިއްލަ ވާހަކަތައް ނުދެއްކިއްޔާ ކަމަށެވެ.

އެހެން ނަމަވެސް ޝޯގެ ޕްރެޒެންޓަރު އެ ސުވާލު އެގޮތަށް އަމާޒު ކުރެއްވުމުން އެގޮތަށް ޖަވާބު ދެއްވަން ރައީސް އަށް ޖެހިވަޑައިގަތީ އެވެ.

ޕްރެޒެންޓަރު ސުވާލު ކުރެއްވީ އާއްމު ގޮތެއްގައި މިހާރު ރައީސް ދުވަސް ހޭދަކުރައްވަނީ ކިހިނެއްތޯ އެވެ. އެމަނިކުފާނުގެ އެއް ދުވަހުގެ ޝެޑިއުލް ވިދާޅުވެ ދެއްވުމަށެވެ.

ރައީސް ވިދާޅުވީ އާއްމުކޮށް ހޭފުޅު ލައްވަނީ ފަތިހު 4 އާއި 4:15 އާ ދެމެދު ކަމަށެވެ. ދެން އެންމެ ފުރަތަމަ ވެސް ދަމު ނަމާދު ކުރައްވައިގެން ފަތިސް ނަމާދު ބަންގި ގޮވަންދެން ގުރުއާން ކިޔަވާވާ ވިދާޅުވަނީ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ދުވަސް ދުވަހު ގުރުއާން ތަރުޖަމާ ވިދާޅުވާ ކަމަށް ވިދާޅުވި އެވެ.

"ދެން ބަންގި ގޮވީމާ ފަތިސް ނަމާދުކޮށްގެން ލިބޭނެ ގަޑިއެއްހާ އިރު، އެ ވަގުތުގައި ދުވަހުގެ ކުރިއަށްހުރި ޕްރޮގްރާމްތަކާ މެދު ވިސްނާލައި ފިކުރު ހިންގާލަން. އަދި ބައެއް ދުވަސްދުވަހު ބިޒީ ނަމަ ކުޑަ ރެސްޓެއް ނަގާލަން. އޭގެ ފަހުން ހެނދުނު ކަސްރަތު ކުރަން. މާ އަވަހަށް އޮފީހަށް ދާން އޮތިއްޔާ ކަސްރަތު ސްކިޕް ކޮށްލާފައި ހަވީރުގެ ވަގުތަކަށް ބަދަލުކޮށްލަނީ. ދެން ފޯނުގައި ހުންނަ މެސެޖްތައް ބަލައި އެއަށް ޖަވާބުދީ، ނޫސްތަކުގައި ހުންނަ ހެޑްލައިންތައް ބަލާލަން. އޭގެ ފަހުން ތައްޔާރުވެގެން އޮފީހަށް ދަނީ،" ރައީސްގެ އެންމެ ހެނދުނުގެ ޝެޑިއުލް ވިދާޅުވެ ދެއްވި އެވެ.

ރާއްޖޭ ޓީވީގެ ޕްރޮގްރާމްގައި ރައީސް

ރައީސް ވިދާޅުވީ އާއްމުކޮށް 8:45 ހާއިރު އޮފީހަށް ދެވޭތޯ ބައްލަވާ ކަަމަށާއި ލަސްވެގެން 9 ޖަހާއިރު އޮފީހުގައި އިނދެވޭތޯ ބައްލަވާ ކަމަށެވެ.

"އޮފީހުގައި އޮންނާނެ އެތެރޭގެ ޝެޑިއުލެއް ހަދާފައި. ފުރަތަމަ ވަކި ވަގުތެއްގައި އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ދޭ ވަގުތުކޮޅެއް އޮންނާނެ. ކޮންމެ ދުވަހަކު ވެސް ވަކި ވަރަކަށް ވަޒީރުންނަށް ބައްދަލުކުރަން ފުރުސަތު ދެން މެންދުރުގެ ކުރިން،" މެންދުރުގެ ކުރިން އޮފީހުގެ މަސައްކަތްތައް ރޭވިފައި އޮންނަ ގޮތް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 1.30 އާ އިރު މެންދުރުގެ ކެއުމަށް ގެއަށް ވަޑައިގެންނެވޭތޯ ބައްލަވާ ކަމަށެވެ.

"ގެއިން ކަނީ. ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖިއްޔާ އަޅުގަނޑު ބަލަން ގެއަށް ކާންދެވޭތޯ. ދެން ގާތްގަނޑަކަށް 45 މިނިޓް ނޫނީ ގަޑިއެއްހާ އިރަށް ފަހު 2.30 ހާއިރު އޮފީހަށް އަނެއްކާވެސް ދަނީ. އެ ވަގުތުކޮޅުގައި ވެސް ފޯނުގައި ހުންނަ މެސެޖްތައް ބަލައި މުހިންމު ކޯލުތައް ކޮށްފައި އޮފީހަށް ދަނީ. ދެން އަނެއްކާވެސް މަސައްކަތް ފަށަނީ. މެންދުރު ފަހު އޮންނާނީ އަމިއްލަ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތަކަށް ވަގުތު ދިނުން. ދުވާލަކު 2-3 އެޕޮއިންޓްމެންޓްވަރު ދެވޭ. ނޫނިއްޔާ ކައުންސިލްތަކާ ބައްދަލުކުރަން. ދެން އެގޮތަށް ގޮސް މެންދުރުގެ މަސައްކަތް ނިންމާލަނީ. ދެން 5.30 ނޫނިއްޔާ މަސައްކަތްތައް ހުންނަ ގޮތުން 6 ޖަހާކަންހާ އިރު ގެއަށް އާދެވޭނީ،" އޮފީހުގެ ރަސްމީ މަސައްކަތުގެ ޝެޑިއުލް ރައީސް ވިދާޅުވި އެވެ.

ގެއިން ކަނީ. ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖިއްޔާ އަޅުގަނޑު ބަލަން ގެއަށް ކާންދެވޭތޯ. ދެން ގާތްގަނޑަކަށް 45 މިނިޓް ނޫނީ ގަޑިއެއްހާ އިރަށް ފަހު 2.30 ހާއިރު އޮފީހަށް އަނެއްކާވެސް ދަނީ. އެ ވަގުތުކޮޅުގައި ވެސް ފޯނުގައި ހުންނަ މެސެޖްތައް ބަލައި މުހިންމު ކޯލުތައް ކޮށްފައި އޮފީހަށް ދަނީ. ދެން އަނެއްކާވެސް މަސައްކަތް ފަށަނީ. މެންދުރު ފަހު އޮންނާނީ އަމިއްލަ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތަކަށް ވަގުތު ދިނުން. ދުވާލަކު 2-3 އެޕޮއިންޓްމެންޓްވަރު ދެވޭ. ނޫނިއްޔާ ކައުންސިލްތަކާ ބައްދަލުކުރަން. ދެން އެގޮތަށް ގޮސް މެންދުރުގެ މަސައްކަތް ނިންމާލަނީ. 5.30 ނޫނިއްޔާ މަސައްކަތްތައް ހުންނަ ގޮތުން 6 ޖަހާކަންހާ އިރު ގެއަށް އާދެވޭނީ
ރައީސް ސޯލިހު

އޭގެ ފަހުން ގެއަށް ވަޑައިގެން، ރައީސް ވިދާޅުވީ ބައިޑިއެއްހާ އިރުގެ ރެސްޓެއް ނެންގެވުމަށް ފަހު އަނެއްކާވެސް މަސައްކަތް ފައްޓަަވަނީ ކަމަށެވެ. ބައްދަލުކުރަން އެދޭ ފަރާތްތަކާ ބައްދަކުކޮށް މަސައްކަތް ނިންމާލެވެނީ ރޭގަނޑު 11.30ހާއިރު ކަމަށް ވިދާޅުވި އެވެ. އަދި 12 ޖަހަންވާ އިރަށް އަވަހާރަފުޅުލެއްޕެވުމަށް ވަޑައިގެންނެވޭތޯ ބައްލަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުކުރު ދުވަހަކީ އާއިލާއާ އެކު ހޭދަކުރަން ލިބޭ ދުވަސް ކަމަށެވެ. އަދި ޚާއްސަކޮށް ހުކުރު ދުވަހުގެ މެންދުރުގެ ފަރިއްކޮޅު އެމަނިކުފާނުގެ ބޭފުޅުންނާ އެކު ނެންގެވޭތޯ ބައްލަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އާއްމުކޮށް ފަރިއްކުޅުވާ ތަކެތި ވެސް ޕްރޮގްރާމްގައި ވަނީ ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން ހެނދުގެ ނާސްތާގެ ގޮތުގައި ނަންގަވާނީ އޯޓްސް މީލެއް ކަމަށް ވިދާޅުވި އެވެ.

"ހެނދުނު އޯޓްސް މީލެއް. ދޮންކޭލާއި އޯޓްސް އަދި މާމުއި. ދެން ފެނު ކެއްކި ބިހެއް. ފަޅޯ ފޮއްޗެއް،" ހެނދުގެ ނާސްތާ ކުރައްވާގޮތް ވިދާޅުވެދެއްވި އެވެ.

ރައީސް ވިދާޅުވީ އޭގެ ފަހުން ހެނދުނު 10-10.30 އާ ދެމެދު ކަޅު ސައިތައްޓެއް ބައްލަވާ ކަމަށެވެ. ގިނަ ދުވަސް ދުވަހު މޭވާކޮޅެއް އަދި އަނެއްބައި ދުވަހު އެ ގަޑީގައި ދެ ހެދިކާއެއް ވަރު ފަރިއްކުޅުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެންދުގެ ފަރިއްކޮޅަށް ގެއަށް ވަޑައިގެން އާއްމުކޮށް ފަރިއްކުޅުވަނީ ގަރުދިޔަ އާއި ބަތް ކަމަށެވެ.

އެއީ އަޅުގަނޑަށް އެންމެ މީރު ކެއުން. މެންދުރު ގެއަށް އަންނަނީ ވެސް އެހެންވެ. ދެން ހަވީރު ކަޅު ސައިތައްޓެއް ބޯލަން. ރޭގަނޑު އާއްމުގޮތެއްގައި ކަނީ ފެނު ކެއްކި ތަރުކާރީ އާއި މަސްކޮޅެއް ނޫނިއްޔާ ކުކުޅު ކޮޅެއް،
ރައީސް ސޯލިހު

"އެއީ އަޅުގަނޑަށް އެންމެ މީރު ކެއުން. މެންދުރު ގެއަށް އަންނަނީ ވެސް އެހެންވެ. ދެން ހަވީރު ކަޅު ސައިތައްޓެއް ބޯލަން. ރޭގަނޑު އާއްމުގޮތެއްގައި ކަނީ ފެނު ކެއްކި ތަރުކާރީ އާއި މަސްކޮޅެއް ނޫނިއްޔާ ކުކުޅު ކޮޅެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ކޮފީ ބައްލަވަނީ ވަރަށް މަދުން ކަމަށާއި އާއްމުކޮށް ބައްލަވަނީ ކަޅު ސައި ކަމަށެވެ.

އާއްމުކޮށް ރައީސްގެ އެއް ދުވަހުގެ ޝެޑިއުލް މިފަދަ ގޮތަކަށް ތަރުތީބުކޮށްލާފައިވީ ނަމަވެސް ކެމްޕޭނުގެ ދުވަސްތަކުގައި މުޅިން ތަފާތު ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ ކެމްޕޭނުގައި އުޅުއްވާއިރު ދުވާލަކު ހަތް ރަށް އަދި ބައެއް ދުވަސް ދުވަހު ނުވަ ރަށަށް ދަތުރުކުރައްވާ ސްޕީޗްތައް ދެއްވަން ޖެހިވަޑައިގެންނެވި ނަމަވެސް ވަރުބަލިފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ދުވަހުގެ ޝެޑިއުލްގައި އެމަނިކުފާނު އަވަހާރަފުޅުލައްޕަވާ ވަގުތު މަދުކަމަށް ޕްރެޒެންޓަރު ފާހަގަކުރުމުން ރައީސް ވެސް އެގޮތަށް އެއްބަސްވެވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ މިހާރު ދެން އެގޮތަށް ހޭނިފައިވާ ކަމަށެވެ.