ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އީފާސް މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ ޕީޖީ އޮފީހުގެ ޕޯޓަލް އިން އީފާސް މެދުވެރިކޮށް ވަނުމަށްފަހު ކުށުގެ ރެކޯޑު މެނޫއިން ކުށުގެ ރެކޯޑަށް އެދެވޭނެ ކަމަށެވެ. ރެކޯޑަށް އެދޭތާ ގިނަވެގެން މަސައްކަތު އެއް ދުވަހުގެ ތެރޭގައި އޮންލައިން ޕޯޓަލަށް ޖަވާބު އަޕްލޯޑް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އޭރުން ފޯނުން ވެސް، އެ މައުލޫމާތު ވަގުތުން ފެންނާނެ އެވެ.

ޕީޖީ އޮފީހުން ބުނީ ކުށުގެ ރެކޯޑު ޕްރިންޓް ވެސް ކުރެވޭނެ ކަމަށެވެ. އެލިޔުމަކީ އެ އޮފީހުން ދިން ސައްހަ ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑެއް ލިޔުމުގައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.ޕޯޓަލްގެ އިތުރުން އީމެއިލް މެދުވެރިކޮށް ކުށުގެ ރެކޯޑު ސާފުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެގޮތުން [email protected] އަށް އީމެއިލް ކުރުމުން މަސައްކަތް ދެ ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، އީމެއިލްއަށް ޖަވާބު ފޮނުވައިދޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް، އީފާސް މޯބައިލް އެޕް މެދުވެރިކޮށް ލިބޭގޮތް ހަދާފައި ވަނީ މިދިޔަ މަހު އެވެ.