އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅު ހޮސްޕިޓަލްތައް ލޯންޗް ނިޒާމަކުން ގުޅާލައި، ސާޕަލް ފޯނުވުމުގައި ޑްރޯން ބޭނުން ކުރަން ފަށައިފި އެވެ.

ސިއްހީ ފަރުވާގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ވަނީ "މޯލްޑިވްސް ހެލްތު ލައިން" އިފްތިތާހްކޮށްފަ އެވެ. މިހިދުމަތުގެ ސަބަބުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ޤަވައިދުން ރަށްރަށަށްގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގާނެ އެވެ. މީގެ ސަބަބުން ރައްޔިތުން ސިއްހީ ޚިދުމަތް ހޯދަން އެއްރަށުން އަނެއްރަށަށް ދާންޖެހޭ ޖެހުމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ.

މި ހިދުމަތާ އެކު، އިމަޖެންސީގައި ހޯދަން ޖެހޭ، އެކަމަކު ރަށްރަށުން ލިބެން ނެތް ބޭހާއި ލެބޯޓަރީ ސާމްޕަލް ފަދަ ތަކެތި ދެން އުފުލާނީ ޑްރޯންގެ އެހީގަ އެވެ.

ސްވިޒަލެންޑްގެ ރިގީޓެކްގެ މި ޑްރޯން ހިދުމަތް މުޅި ރާއްޖޭގައި ދޭނެ އެވެ. އެއް ޑްރޯނާއެކު އިއްޔެ ހުވަދު އަތޮޅުގައި މި ހިދުމަތް ދޭން ފެށި އިރު، ސަރުކާރުގެ އަމާޒަކީ މާ ލަސްތަކެއް ނުވެ އެކި އަތޮޅުތަކުގައި މި ފަދަ ޑްރޯންތައް ބެހެއްޓުމެވެ.

ހާއްސަ ތަމްރީނުތަކަށް ފަހު ދުއްވޭ މި ޑްރޯނަކީ ގަދަ ވައިގައި ވެސް ހިފަހައްޓާ އެއްޗެކެވެ. ޑްރޯން ދުއްވަން ތިބޭނީ، ސިވިލް އޭވިއޭޝަންގެ ހުއްދައާ އެކު އެ ކަމަށް ތަމްރީނުކޮށްފައިވާ ވަކި ބައެކެވެ. ދުއްވަން ޖެހޭނީ، އެއާ ޓެކްސީ ރޭންޖަށް ވުރެ ތިރިންނެވެ.

ޑްރޯން އޮޕަރޭޓްކޮށް، މެނޭޖްކުރާނީ އެސްޓީއޯ އިންނެވެ. އެ ތަނުން ބުނި ގޮތުގައި، އެ ހިދުމަތަށް ބޭނުންވާ ތަމްރީނު، މުވައްޒަފުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ހެލްތް ލައިން މި ޕްރޮޖެކްގެ އަގަކީ 54.5 މިލިއަން ރުފިޔާ އެވެ. އެގޮތުން މި ލޯންޗްތަކުގެ ޖުލްމަ އަގަކީ 50 މިލިއަން ރުފިޔާ އެވެ. އަދި ޑްރޯންތަކުގެ އަގު 4.5 މިލިއަން ރުފިޔާ އެވެ.