އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމައިފި އެވެ.
މީގެ ކުރިން ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރަށް ތާއިދު ކުރެއްވި ޝެއިހް ޒައިދު މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކޮށްފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައި އެވެ.
ޝެއިހް ޒައިދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ގައުމުގެ ރައީސްކަމަށް އެންމެ ޤާބިލް ބޭފުޅަކީ ޑރ.މުއިއްޒު ކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އަދި ޑރ. މުއިއްޒަށް ތައީދުކޮށް ރައްޔިތުން ވޯޓު ދެއްވުމަށް ވެސް ޝައިޚު ޒައިދު ވަނީ އެދިވަޑައިގެންފަ އެވެ.
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޑރ މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރަމުން ދާއިރު، ރައީސް ސޯލިހަށް ތާއީދުކުރާ ދީނީ އިލްމުވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް ޒައިދު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ރައީސް ސޯލިހަށް ތާއިދު ކުރައްވާ ދީނީ އިލްމުވެރިން ވިދާޅުވަނީ ދީނީ ގިނަ އިލްމުވެރިން ރައީސް ސޯލިހަށް ތާއިދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިއްޔެ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ 20 އިލްމުވެރިންނެވެ. މުއިއްޒަށް ތާއިދު ކުރައްވާކަން މިހާތަނަށް 85 ވުރެން ގިނަ ދީނީ އިލްމުވެރިން ވަނީ ހާމަކޮށްފަ އެވެ.