ޒަމާނަށް އައިސްފައިވާ ބަދަލާއެކު ދަރިން ބެލެހެއްޓުމުގައި އެކި މީހުން ގެންގުޅެނީ އެކި ގޮތެވެ. އެގޮތުން ދަރިފުޅު ތުއްތުއިރު ގާތުން ކިރު ދިނުމުގެ ބަދަލުގައި ފޯމިއުލާ ބޭނުންކުރާ މައިން ވެސް އުޅެ އެވެ. އެހެން ނަމަވެސް މިހާރުވެސް ދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާ ގާތުން ދޭ ކިރެވެ.

އެމެރިކާގެ ހޮސްޕިޓަލަކުން އިން ދާދި ފަހުން ކުރި ދިރާސާ އަކުން ވެސް މިވަނީ ގާތުން ކިރު ދިނުމުން ލިބޭ ފައިދާތަކަށް ބާރުލިބޭ ފަދަ ހެކިތަކެއް ލިބިފަ އެވެ.

ތުއްތު ކުދިން ހިމަނައިގެން ކުރި ދިރާސާ އިން ދައްކާފައިވާ ގޮތުން، އެންމެ ތުއްތު އިރު ހަމައެކަނި ގާތުން ކިރު ދޭ ކުދިންގެ ވިސްނުން، އެހެން ކުދިންނަށް ވުރެ ތޫނެވެ.

އެ ދިރާސާގައި ބައިވެރި ކުރި 180 ކުދިން، އުފަންވި ހިސާބުން ފެށިގެން އެކުދިންގެ އުމުރުން ހަތް އަހަރު ވަންދެން ވަނީ މޮނިޓާ ކޮށްފަ އެވެ. ނަތީޖާތައް ދައްކާފައިވާ ގޮތުން ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހު، ފުރަތަމަ 28 ދުވަހު ގާތުންދޭ މިންވަރު އިތުރުކޮށްފި ނަމަ، އެކުދިންގެ އައިކިއު މަތިވެ އެވެ. އަދި ތައުލީމީ ގޮތުން ގާބިލުވެ، ހަނދާން ހުންނަ މިންވަރާއި ސިކުނޑި މަސައްކަތް ކުރާ މިންވަރު އިތުރު ކަމަށް ވެސް ދިރާސާ އިން ވަނީ ދައްކައިފަ އެވެ.

އެ ދިރާސާގެ ނަތީޖާގެ ސަބަބުން ގާތުން ކިރު ދިނުމަށް މައިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ދިރާސާ ކުރި ފަރާތުން ބުނެ އެވެ. އެ ހޯދުންތައް މިހާރު ވަނީ އާންމު ކޮށްފަ އެވެ.