ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހިމް އިބްރާހިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކު ކޯލިޝަން ނުހެދުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް ޔާމީން އިއްޔެ އަންގަވާފައިވާކަން ހާމަވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޖަލުން ފޮނުއްވި ނޯޓެއްގައި ވަނީ ޖޭޕީއާ އެކު ކޯލިޝަން ހަދަން އެމަނިކުފާނުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން އިއްޔެ ވަަނީ މާފުއްޓަށް ވަޑައިގެން އެމަނިކުފާންއާ ބައްދަލު ކުރައްވައިފަ އެވެ. ޔާމިންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ މުއިއްޒު ހޮވުމަށް އިތުރަށް މަސައްކަތްކޮށްދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

މިއީ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރައްވަން ފެއްޓި ފަހުން އެންމެ ދަށް ނަތީޖާ ލިބުނު ފަހަރެވެ. މި އިންތިޚާބުގައި ގާސިމަށް ލިބިވަޑައިގެންނެވީ 5500 ވޯޓެވެ. ނުވަތަ ވޯޓުލީ މީހުންގެ 2.5 ޕަސެންޓެވެ. އެހެންކަމުން މިއީ ކުރީ އިންތިޚާބުތަކުގައި ދެވަނަ ބުރުގައި ކިންގްމޭކާއެއްގެ ލަގަބު ލިބުނު ގާސިމްގެ ވަރަށް ބޮޑު ވެއްޓުމެކެވެ.

ޕީޕީއެމް/ޕީއެންސީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި ޑރ. މުއިއްޒު ވަނީ އޭނާއާ ބައިވެރިވުމަށް އެހެން ޕާޓީތަކަށް ދައުވަތު ވެސް ދެއްވައިފަ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންދާކަން ޔަގީންކޮށްދެއްވައިފަ އެވެ. ޖޭޕީން ވެސް ވަނީ އެމްޑީޕީއާ އެކު މަޝްވަރާ ކުރާ ކަމަށް ބުނެފަ އެވެ. އަދި ޕީއެންސީގެ ދައުވަތު ލިބިފައި ނުވާ ކަމަށް ޖޭޕީން ބުނެފައިވެ އެވެ.

މި މަހު 30 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މުއިއްޒަށް 101،128 ވޯޓް (46 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް 85،000 ވޯޓު (39 ޕަސެންޓް) ލިިބިވަޑައިގެންފައިވެ އެވެ.