މިމަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއެކު ކޯލިޝަން ހަދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ފައްޔާޒް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަޝީދާއެކު ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އަދި މިހާތަނަށް ނަޝީދުގެ ފަރާތްޕުޅުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ނަޝީދާއެކު މަސައްކަތް ކުރައްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބުން ރައީސް ސޯލިހަށް މަދުން ވޯޓު ލިބުނު ސަބަބެއް ކަމަށް ބެލެވެނީ މީހުން ވޯޓުލާން ނުނިކުތުން ކަމަށެވެ. އެކަންކަމާ ގުޅިގެން މިއަދު ބައްދަލުވުމުގައި މަޝްވަރާތައް ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މި މަހުގެ 30ގައި ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީން ޕާޓީތަކާ އެކު ނުރަސްމީކޮށް މަޝްވަރާތައް މިހާރު ވެސް އެބަ ކުރިއަށް ގެންދެ އެވެ. އެގޮތުން، ދެ ވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމާ މެދު ދެތިން ޕާޓީއަކުން ފެހި ސިގްނަލް ދީފައިވާ ކަމަށް ރައީސް ސޯލިހް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވުމުގެ އުއްމީދު ކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއިރު ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުން އަންނަނީ ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށެވެ.