އަދާލަތު ޕާޓީގެ ރައީސް ކަށް އެ ޕާޓީގެ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާދަކުރައްވާފައިވާއިރު، އޭނައާ އެކު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ވާދަކުރައްވައިފި އެވެ.

އަދާލަތު ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވީ އިއްޔެގެ 16:00 ގަ އެވެ. އަދި ވަގުތު ހަމަވިއިރު މަގާމުތަކަށް އެދި ހުށައަޅާފައިވާ ފަރާތްތައް ވަނީ އާންމުކޮށްފަ އެވެ. އިންތިހާބު އޮތީ މިމަހު 30 ވަނަ ދުވަހު އެވެ.

މިފަހަރު ޕާޓީގެ ރައީސްއާއި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކުރާނެ އެވެ.

ހޯމް މިނިސްޓަރު އިމްރާންގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާކުރައްވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެލްޖީއޭގެ ބޯޑު މެމްބަރު އަހްމަދު ޝަރީފެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދެވެ.

އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައި ވަނީ އޯގަސްޓް 18، 2005 ގައި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 6،640 އެވެ.